ޚަބަރު

ލުބްނާނުގެ އުތުރަށްވެސް ޔަހޫދީން ޙަމަލާދޭން ފަށައިފި


ލުބްނާނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެ ޤައުމުގެ އުތުރުގެ ރަށަކަށް ބޮންއަޅައި 21 މީހުން ޝަހީދު ކޮށްލައިފިއެވެ. ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ސެޕްޓެންބަރު 23ވަނަ ދުވަހު ފެށި ޖަރީމާތަކުގެ ދަށުން ކުރިން ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކާއި ވެރިރަށް ބައިރޫތުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ ބަރުހަތިޔާރާ އެކު އެއްގަމު މަގުން ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެ, ޤަތުލުޢާންމު އިތުރަށް ފުޅާ ކޮށްފައެވެ.

ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ދާދި ފަހުން ވަނީ އެ ޤައުމުގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ މައި މަރުކަޒަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އަދި, ޔަހޫދީ ފައުޖުގެ ދެ އަސްކަރީ ޓޭންކުން ވަނީ އެ މަރުކަޒުގެ މައި ދޮރާށި ވައްޓައިލުމަށް ފަހު އެ ތަނުގެ ގޯތިތެރެއަށް ވަދެ, އދގެ ސިފައިންނަށް ބިރު ދައްކާފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދިން ޙަމަލާތަކުގައި އދގެ ފަސް ސިފައިން ޒަޚަމު ކޮށްލިއެވެ. އދގެ ސަލާމަތީ މަޖިލީހުން ވަނީ މި ޙަމަލާތައް ކުށްވެރި ކޮށްފައެވެ.

ޔުނިފިލްގެ މައި މަރުކަޒަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަން އެ އިދާރާއިން ހާމަ ކުރުމުން, ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަން ދޮގުކޮށްފައެވެ. އަދި, ޙަޤީޤަތް އޮޅުވައިލަން މަސައްކަތް ކޮށްފައެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޙިޒްބުاللهގެ މުޖާހިދުންނަށް އަމާޒުކޮށް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން, ލުބްނާނުން ފޭބުމަށް ވެސް އޭނާ ވަނީ އދގެ ސުލްޙަ ބަލަހައްޓާ ސިފައިންނަށް ގޮވައިލާފައެވެ.

ނަތަންޔާހޫގެ އިންޒާރުތަކާ ގުޅިގެން ޔުނިފިލުން ބުނީ އދގެ ސިފައިން ލުބްނާނުން ނުފައިބާނެ ކަމުގައެވެ. "އަޅުގަނޑުމެން [ލުބްނާންގައި] ދެމިތިބޭނަން. ލުބްނާންގެ ދެކުނުގެ ސަރަޙައްދަށް އަޅުގަނޑުމެން ފޮނުވީ އދގެ ސަލާމަތި މަޖިލީހުން. އެހެންވެ, ބައިނަލްއަޤުވާމީ ސުލްޙަ ދަމަހައްޓައި, ލުބްނާންގައި އދގެ ދިދަ ވިހުރުވައިލުމަކީ މުހިންމު ކަމެއް،" ޔުނިފިލްގެ ތަރުޖަމާނު އަންދްރިޔާ ތެނެންތީ ވިދާޅުވިއެވެ.

މިއީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔުނިފިލްގެ މައި މަރުކަޒާއި ސިފައިން ތިބޭ ޓަވަރުތަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޔުނިފިލުން ޤާއިމު ކޮށްފައިވާ ސީސީޓީވީ ކެމެރާ ނިޒާމާއި މުއާޞަލާތީ ނިޒާމު ވެސް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އދގެ މަޞްދަރުތަކުން ބުނީ, މިއީ ލުބްނާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ހެކި ނައްތައިލަން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ.

ލުބްނާނުގެ އުތުރަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަޔިތޫ ކިޔާ އަވަށަކަށެވެ. ޙަމަލާ ދީފައި ވަނީ, ޔަހޫދީންގެ ޢުދުވާންތަކާ ގުޅިގެން ގެދޮރު ނެތިފައިވާ ބަޔަކު ދިރިއުޅެމުން ދިޔަ ސަރަޙައްދަކަށެވެ. އެ ޙަމަލާތަކުގައި 21 މީހުން ޝަހީދު ކޮށްލާފައިވާއިރު, ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު ބަޔެއްގެ ހަށިތައް ތާށިވެފައިވާ ކަމަށް ލުބްނާންގެ ކަމާ ގުޅޭ އިދާރާތަކުން ޤަބޫލު ކުރެއެވެ. ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެ ޙަމަލާގައި އިތުރު އަށް މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ޔަހޫދީންގެ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުން ލުބްނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ވެސް ދަނީ ރައްދުގައި ޙަމަލާ ދެމުންނެވެ. މި ގޮތުން, ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް އެ ޖަމާޢަތުން އޮކްޓޫބަރު 14ވަނަ ދުވަހު ވެސް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދިނެވެ. ޒަަޔަނިސްޓު ދައުލަތުގެ ޔަހޫދީންނަށް ޙަމަލާ ދޭން ޙިޒްބުاللهން 115 ރޮކެޓު ބޭނުން ކުރިއެވެ. ޙިޒްބުاللهން ޙަމަލާ ދޭން ފެށުމުން އިސްރާއީލުގެ މެދުތެރޭގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އަޅައި, ބޮން ޝެލްޓަރތަކަށް ވަދެ ޔަހޫދީން ބޮނދިއެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލު ސާފެއް ނޫނެވެ.

މެދުއިރުމަތީގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ސަރަޙައްދުގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އެތަކެއް ގުނައަކަށް އިތުރުވެފައެވެ. ޔަހޫދީން މި ވަގުތު ދަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންނެވެ. އަދި, އެ ކަމާ ގުޅޭ ގޮތުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއާ މަޝްވަރާ ކުރަމުންނެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތަކާއި ނިރުބަވެރި ޙަމަލާތައް ކެތް ނުކުރެވިގެން މެދުއިރުމަތީގެ ބާރެއްގެ ގޮތުގައި ބެލެވޭ އީރާނުން އޮކްޓޫބަރު 1ވަނަ ދުވަހު ޒަޔަނިސްޓު ދައުލަތުގައިވާ ޔަހޫދީ ފައުޖުގެ އަމާޒުތަަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނެވެ. 180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ދިން ޙަމަލާތަކުގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް, އެ ކަމުގެ ތަފުސީލު ހާމަ ކުރަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. އީރާނަށް ޙަމަލާ ދޭން ތަައްޔާރުވަމުން ދަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ތެޔޮ ވަޅުތަކާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ އިތުރުން ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ޙަމަލާ ދިނުމާ ދެކޮޅަށް އެމެރިކާއިން ދަނީ ވަކާލާތު ކުރަމުންނެވެ. އެ ގޮވައިލުމަށް އިޖާބަދޭނެ ކަމުގައި އަނިޔާވެރި ނަތަންޔާހޫގެ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް, އެ ގޮތަށް އަމަލު ކުރާނެ ކަމާ މެދު ޝައްކު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިސްރާއީލަށް ސިފައިންނާއި ނުރައްކާތެރި ހަތިޔާރު ފޮނުވަން ނިންމާފައިވާ ކަން ވެސް އެމެރިކާއިން ދާދިފަހުން އިޢުލާނު ކުރިއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,255އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.