ޚަބަރު

އެސްސީއޯ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ވެރިރަށް ބަންދުކޮށްފި


ޕާކިސްތާނުގައި ބާއްވާ ޝެންގހާއީ ކޯޕޮރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓާ ގުޅިގެން ވެރިރަށް އިސްލާމްއާބާދު ބަންދުކޮށް, ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ. އޮކްޓޫބަރު 15ން 16އަށް ކުރިއަށްދާ އެސްސީއޯގެ 23ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ވެރިން ވަނީ އިސްލާމްއާބާދަށް ވަޑައިގަންނަވަން ފަށްޓަވާފައެވެ.

ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް އިސްލާމްއާބާދަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޗައިނާގެ ޕްރިމިޔަރ ލީ ޗެންގ ހިމެނިވަޑައިގަންނަވައެވެ. އިސްލާމްއާބާދުން އޭނާއަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ. މިއީ, ފާއިތުވި 11 އަހަރުގެ ތެރޭގައި ޗައިނާގެ ޕްރިމިޔަރގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ޗައިނާގެ އިތުރުން އިންޑިޔާ, އީރާން އަދި ރަޝިޔާގެ އިސްވެރިން ވެސް ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިސްލާމްއާބާދުގައި ޝަރީފާއި ލީ ބޭއްވެވި ބައްދަލުވުމުގައި ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ޗައިނާއިން ބިނާކޮށްދީފައިވާ ގަވާދަރު ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވިއެވެ. އެއީ, ދެ ޤައުމުގެ ދެމެދު ސޮއިކޮށްފައިވާ 65 ބިލިޔަން އެމެރިކާ ޑޮލަރުގެ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ) އެއްބަސްވުމުގެ ދަށުން ޗައިނާއިން ހުރިހާ ޚަރަދެއް ކޮށްގެން ބިނާ ކޮށްފައިވާ ވައިގެ ބަނދަރެކެވެ.

ސަމިޓަށް ތައްޔާރުވުމުގެ ގޮތުން އިސްލާމްއާބާދަށް ވަދެނިކުމެވެވެން އޮތް ހުރިހާ މަގެއް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވާއިރު, ޕާކިސްތާނުގެ ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރު އޮފީސްތައް ތިން ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމާއި, މަދަރުސާތަކާއި އަމިއްލަ ވިޔަފާރިތައް ބަންދު ކުރުން ހިމެނެއެވެ. އަދި, ފުލުހުންނާއި އަސްކަރިއްޔާގެ ސިފައިން ދަނީ އިސްލާމްއާބާދުގެ މަގުތަކުގައި ފޯރިމަރަމުންނެވެ.

ސަލާމަތީ ފިޔަވަޅުތައް އެންމެ ބޮޑަށް ހަރުކަށި ކޮށްފައި ވަނީ ރެޑް ޒޯންގައެވެ. އެއީ, ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތާއި, ބޭރު ޤައުމުތަކުގެ އެމްބަސީތައް ހުންނަ ސަރަޙައްދެކެވެ. އެސްސީއޯ ސަމިޓުގެ ގިނަ ބައްދަލުވުންތައް ކުރިއަށް ދާނީ އެ ސަރަޙައްދުގައި ކަމުގައި އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ބުންޏެވެ.

އިސްލާމްއާބާދުގައި އިންޒާރުގެ ހާލަތު ވެސް އޮތީ މަތިކޮށްފައެވެ. އިންޒާރުގެ ހާލަތު މަތިކޮށްފައި ވަނީ, ނިރުބަވެރި ޖަމާޢަތަކުން ދާދި ފަހުން ދިން ޙަމަލާތަކެއްގައި ޗައިނާގެ ދެ އިންޖިނޭރަކާއި މައިނެއްގައި މަސައްކަތް ކުރާ 21 މީހުން މަރައިލުމާ ގުޅިގެންނެވެ. މާރިޗު މަހު ދިން ނިރުބަވެރި ޙަމަލާތަކެއްގައި ވެސް ޗައިނާގެ ފަސް އިންޖިނޭރުން މަރައިލާފައިވެއެވެ.

އެ ޙަމަލާތަކާ ގުޅިގެން ޕާކިސްތާނުގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތުންގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވާ ކަމުގައި އެ ޤައުމުގެ މަޢުލޫމާތު ހާމަކުރުމާ ބެހޭ ވަޒީރު ޢަޠާއުالله ތާރަރް ވިދާޅުވިއެވެ. ޗައިނާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ބޮޑުވަޒީރު ޝަރީފް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމުގައި ވެސް ތާރަރް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރަނީ ޗައިނާގެ ޕްރިމިޔަރގެ ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅަކަށް ވާނެ ކަމަށް. [ޕާކިސްތާނުގައި މަސައްކަތް ކުރާ] ޗައިނާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކާ މެދު ޗައިނާގައި ތިބި އެކުވެރިން ހިތްހަމަޖެހޭ ކަމަށް ޤަބޫލު ކުރަން،" އޭނާ ވިދާޅުވިއެވެ.

އެސްސީއޯގެ ސަމިޓާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ހަތިޔާރު އެޅި ޖަމާޢަތަކުން ވަނީ ނިރުބަވެރި ޙަމަލާއެއް ދީފައެވެ. ލީ އިސްލާމްއާބާދަށް ވަޑައިގެންނެވި ވަގުތާ ދިމާކޮށް ތަހްރީކް ޠާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ނިރުބަވެރިން ޕާކިސްތާނުުގެ ހުޅަނގުއުތުރުގެ ރަށެއްގެ ފުލުހުންގެ މަރުކަޒަކަށް ދިން ޙަމަލާތަކުގައި ތިން ފުލުހުން މަރުވިއެވެ.

ޕާކިސްތާން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ޗައިނާއިން އެ ޤައުމުގައި ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގައި މަސައްކަތް ކުރާ ޗައިނާގެ މުވައްޒަފުންނަށް ނިރުބަވެރި ޖަމާޢަތްތަކުން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޓީޓީޕީން ބުނީ, ޗައިނާގެ މުވައްޒަފުންނަށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމާޢަތުން ބައިވެރިވެފައި ނުވާނެ ކަމުގައެވެ. ނަމަވެސް, 2021ވަނަ އަހަރު ޗައިނާގެ ނުވަ އިންޖިނޭރުން މަރައިލި ހާދިސާއާ ގުޅިގެން ޓީޓީޕީގެ ބައެއް މެންބަރުންގެ މައްޗަށް ދަޢުވާ ސާބިތުވިއެވެ. ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮތް ބަލޫޗިސްތާން ޕުރޮވިންސުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ ޙަަމަލާތަކުގެ ޒިންމާ އުފުލާފައެވެ.

އިސްލާމްއާބާދުގައި ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާ އަނެއް ސަބަބަކީ, އެ ރަށުގައި ބޮޑެތި މުޒާހަރާތަކެއް ބޭއްވުމަށް ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވައިލެއްވުމެވެ. މި މަހުގެ ކުރީކޮޅު ވެސް ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި)ގެ އެތަކެއް ހާސް މެންބަރުން އިސްލާމްއާބާދަށް ވަދެ, މުޒާހަރާ ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް, ފުލުހުން ވަނީ އިސްލާމްއާބާދަށް ވަދެނިކުމެވެވެން އޮތް ހުރިހާ މަގެއް ބަންދުކޮށް, ޕީޓީއައިގެ މެންބަރުންނަށް ހުރަސް އަޅާފައެވެ. އެ ކަމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި, ގިނަ ޢަދަދެއްގެ ފުލުހުންނާއި ޢާންމުންނަށް އަނިިޔާވިއެވެ.