ޚަބަރު

ޓެކްސް ބޮޑުކުރަނީ އެއްވެސް ރައްޔިތަކަށް ބުރަނުޖައްސައި އާމްދަނީ އިތުރުކުރަން: ޝުޖާޢު


  • ރާއްޖޭގެ އިގްތިސާދު އޮތް ހާލަތުން މިއީ މިވަގުތަށް ކޮންމެހެން މުހިންމު އިސްލާޙެއް

  • ޤައުމު އާރާސްތު ކުރެވޭނީ ޓެކްސްގެ ނިޒާމު ހަރުދަނާކޮށްގެން

ޓެކްސްގެ ޤާނޫނުތަކަށް ސަރުކާރުން ގެންނަ އިސްލާހުތަކަކީ ރައްޔިތުންނަށް ބުރަ ނުޖައްސައި، ދައުލަތުގެ އާމްދަނީ އިތުރުކުރަން ގެންނަ އިސްލާޙުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. މެންބަރު ޝުޖާޢު މިހެން ވިދާޅުވީ ޓީޖީއެސްޓީ ހިމެނޭހެން ތިން ޤާނޫނަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިޞްލާހުގެނައުމަށް ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. މި އިޞްލާހުތަކާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ރަނގަޅު ނިޒާމެއްގެ ތެރެއަށް ސަރުކާރުގެ ކަންކަން ގެނެސް، ޚަރަދުކުޑަކޮށް، ދައުލަތް ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އެގޮތުން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅުއްވާފައިވާއިރު އެ އިސްލާހުތައް ހުށަހަޅުއްވާފައިވަނީ ރައްޔިތުންނަށް ބުރަ ނުޖައްސައި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ނިޒާމެއްގެ ގޮތުގައިކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކަށް ބަދަލުގެނެސް އާމްދަނީ އިތުރުކޮށް ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅެއް ކަމަށެވެ. ކުރީ ސަރުކާރުތަކުންވެސް ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ އިތުރުކުރިނަމަވެސް އޭގެ ސަބަބުން ޤައުމަށާއި ރައްޔިތުންނަށް ފައިދާނުވާ ކަމަށާއި، ރާއްޖޭގެ އިގްތިޞާދު އޮތް ހާލަތުން މި އިސްލާހުތަކަކީ މިވަގުތަށް ކޮންމެހެން މުހިންމު އިސްލާހުތަކެއްކަން ޝުޖާޢު ފާހަގަކުރެއްވިއެވެ.

"ބޮޑުހިލަ ނުޖެހިގެން މިއުޅެނީ. ކީއްވެގެންތޯ ނުޖެހިގެން މިއުޅެނީ. ދައުލަތުގެ އާމްދަނީއެއް ނެތީ. ދައުލަތުގެ ފައިސާ ނެތިގެން މިއުޅެނީ. ފައިސާ އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ގެންގުޅުއްވަނީ. ރައްޔިތުންގެ ޖީބަށް ބާރުބޮޑުނުކޮށް. ޖީއެސްޓީ އިތުރުނުކޮށް، ޓީޖީއެސްޓީއަށް އެންމެ ޕަސެންޓެއް އިތުރުކުރަނީ،" ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވިއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލް ގާދިރު ވިދާޅުވީ ޓީޖީއެސްޓީ އިތުރުކޮށް ދައުލަތުގެ އާމްދަނީ އިތުރުވުމުގެ ސަބަބުން ސިއްހީ ޚިދުމަތްތަކާއި ތައުލީމާއި އިންފްރާސްޓްރަކްޗާ ތަރައްގީއަށް އަލުން އިންވެސްޓް ކުރުން އިތުރުވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޤައުމަށް ގެއްލުން ނުވާނެ ކަމަށާއި ޤައުމު އާރާސްތު ކުރެވޭނީ ޓެކްސްގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ މި ޤައުމު އާރާސްތުކުރަން. އަޅުގަނޑުމެން މިއުޅެނީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭން. އަޅުގަނޑުމެން މިއުޅެނީ މި ޤައުމުގައި މިހިރަ ހުރިހާ ސްޓްރަކްޗަރތަކެއް އަލުން ރިފޯމްކޮށް ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އަޅުގަނޑުމެން ރުކުރުވާލާ ސަފުން ފާގަތިކަމާއި އާރޯކަން ގެންނަން،" މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލް ގާދިރު ވިދާޅުވިއެވެ.

މި އިޞްލާހަށް ގިނަ މެންބަރުން ތާޢީދު ކުރި ނަމަވެސް އިދިކޮޅުގެ މެންބަރުން ވަނީ ބިލާ ދެކޮޅު ހަދާފައެވެ. އެގޮތުން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދުނިޔެ އޮތް ނާޒުކު ދަނޑިވަޅަށް ބަލާއިރު ޓެކްސް ބޮޑުކުރުމުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރަށް ވިސްނަންޖެހޭ ކަމަށެވެ.

"މިއަދު ރާއްޖޭގެ ދިރިއުޅުމުގެ ހާލަތަކީ ދަށް ހާލަތެއް. ޓެކްސްގެ ނިޒާމު ބޮޑުކުރަންށޭ ކިޔާފައި ޓެކްސް ނުނަގާ އެއްޗެހިން އިތުރަށް ޓެކްސް ނެގުމާއި އިތުރަށް ޓެކްސް ބޮޑުކުރަން ޖެހުމަކީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. ވަކި އަދަދަކަށް އަޅުގަނޑުމެންނަށް ޓޫރިސްޓުން އަތުންވެސް އަދި އެހެން މީހުން އަތުންވެސް ޓެކްސް ނެގޭނީ،" ހަނިމާދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ބިލަށް ތާޢީދު ކުރިނަމަވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. މިފަދަ ބަދަލުތައް ގެންނައިރު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އޮންނަ ގޮތަށް ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް ޢައްބާސް ވިދާޅުވިއެވެ.

"މިކޮންމެ ނިންމުމެއް ނިންމަވާއިރު ސްޓެކްހޯލްޑަރުންނާއި މިކަމުގައި ތަޖުރިބާހުރި މާހިރުންނާއި ރާއްޖެއަށް މިފަތުރުވެރިކަން ގެނައުމަށް މައިކަށިން ބުރަ މަސައްކަތް ކުރެއްވި ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އެއީ ވަރަށް މުހިންމު ކަމެއް. ޤައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް ރައްޔިތުންގެ އަނގަޔާއި އަތާ ދިމާކުރުމަށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ދިނުމަށް ޓެކްސް ބޮޑުނުކޮށް ވާން ނެތިއްޔާ އެއީ ކުރަންޖެހޭ ކަމެއް،" ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިހާރު 16ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 17 ޕަސެންޓަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ. މިއާއެކު ދައުލަތުގެ އާމްދަނީއަށް 201.9 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.