ޚަބަރު

ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރަކަށް އަޙްމަދު ސަރީރު އައްޔަންކުރައްވަން މަޖިލީހަށް


  • އަހުމަދު ސަރީރަކީ ޚާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް

ދިވެހިރާއްޖެއިން ސަޢުދިއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އަޙްމަދު ސަރީރު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އަހުމަދު ސަރީރު މިހާރު ހުންނެވީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ. އޭނާ އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އިފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓަރ އޮފް އޭޝިއަން އެފެއަރސްގެ މަޤާމުގައެވެ.

އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކުގަޔާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

އެގޮތުން ޚާރިޖީ ވުޒާރާގެ ފޮރިން ސެކްރެޓަރީގެ މަޤާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްގެ މަޤާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މީގެއިތުރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަޤާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގެ އިތުރުންވެސް ޚާރިޖިއްޔާގެ އެހެނިހެން އިސް ގިނަ މަޤާމުތަކެއް ފުރުއްވާފައިވެއެވެ.

އަޙްމަދު ސަރީރުވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.

ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އަހުމަދު ސަރީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.