ޚަބަރު

ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު: ނައިބު ރައީސް


  • 15 ޑިސެމްބަރުން ފެށިގެން ވޭޕް ބޭނުންކުރުން މަނާވާނެ

ވޭޕްކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖެއަށް ވޭޕް އެެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުން މަނާކުރަން ނިންމެވުމަކީ ޤައުމުގެ ޒުވާން ޖީލުގެ މުސްތަޤްބަލްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމަކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު ކަމަށް ވިދާޅުވިއެވެ.

ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.