ޚަބަރު

މިފްކޯއިން މަސް އެކްސްޕޯޓްކުރުމަށް އެމްއެސްއެސްގެ އުޅަނދުތައް ބޭނުންކުރަން ފަށައިފި


  • ބޭރުގެ ޤައުމުތަކާއި ޓްރާންޝިޕްމަންޓް ބޯޓުތަކަށް ޝިޕްމަންޓް ފޯރުކޮށްދޭނެ

  • މިފްކޯގެ މައި ފެސިލިޓީތަކުން ޚިދުމަތް ދޭނެ

  • ޚިދުމަތުގެ ސަބަބުން ޚަރަދުތައް ކުޑަވާނެ

މޯލްޑިވްސް ސްޓޭޓް ޝިޕިން އެމް.އެސް.އެސްގެ ބޯޓުތަކުގައި މިފްކޯގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޚިދުމަތާ ގުޅޭ އެއްބަސްވުމުގައި އެމް.އެސް.އެސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙުމަދު ޝަރީފްއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފްއެވެ.

މި އެއްބަސްވުމުގެ ދަށުން މިފްކޯގެ މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ޚިދުމަތެއް އެމް.އެސް.އެސް ފޯރުކޮށްދޭނެއެވެ.

އެމް.އެސް.އެސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ ފެސިލިޓީތަކުން އެމްއެސްއެސްގެ "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް ކޮންޓެއިނަރުތަކުގައި އުފެއްދުންތައް މާލެ ގެނެސް، މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރާނެކަމަށެވެ. މިއެއްބަސްވުމުގެ ސަބަބުން އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު އެކްސްޕޯޓްކުރާ މިންވަރުގެ ރަނގަޅު ކެޕޭސިޓީއަކަށް ޚިދުމަތް ދެވޭނެ. ބޭނުންވާ ރަނގަޅު ކޮލިޓީގެ ޚިދުމަތެއް ދޭނަން. މިއީ މަސްވެރިކަމުގެ ސިނާއަތަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް." އެމްއެސްއެސްގެ އެމްޑީ އަޙުމަދު ޝަރީފް ވިދާޅުވިއެވެ.

މިފްކޯ ހިންގުމާއި ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް ވިދާޅުވީ މިފްކޯގެ އޮޕަރޭޝަނަކީ ރާއްޖޭގެ ކުރިއަށްދާ އެންމެ ބޮޑު ލޮޖިސްޓިކް އޮޕަރޭޝަނެއްކަމަށެވެ. ބޭރުގެ ބޯޓުތައް ކުއްޔަށް ނަގައިގެން އެކަމަށް ކުންފުނިން ބޮޑު ހޭދައެއް ކުރާކަމަށްވެސް އިލްޔާސް ޙަނީފް ވިދާޅުވިއެވެ. މި ނިންމުމާ ގުޅިގެން އެކްސްޕޯޓް ޚިދުމަތަށް ހެޔޮ ބަދަލެއް އައިސް، އެކަމަށް ކުންފުނިން ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެކަމަށްވެސް އިލްޔާސް ހަނީފް ވިދާޅުވިއެވެ.

"ފެސިލިޓީ ހުންނަ 3 ރަށުންވެސް މަސް އެކްސްޕޯޓުކުރުމާއި ގުޅޭ ޚިދުމަތް ދޭނަން އެމްއެސްއެސް މެދުވެރިކޮށް. މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ޙައްލެއް ލިބި، އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ." މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފް ވިދާޅުވިއެވެ.

ޒަމާނުއްސުރެ މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފަރ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފަރ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެންނެވެ.

ޤައުމީ ޝިޕިން ކުންފުނި އެމް.އެސް.އެސްގައި 5 ބޯޓު ބޭނުންކުރަމުން ދެއެއެވެ. އެމް.އެސް.އެސްއިން ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި މި ކަމަށް ޚާއްސަ އުޅަނދެއް ބޭނުންކުރާނެކަމަށެވެ. އަދި ބޭރަށް މަހުގެ ޝިޕްމަންޓް ފޮނުވާނީ، މިހާރު ދަތުރުކުރާ މާލެ-ކޮލަމްބޯ އަދި ކޮލަމްބޯ-މެލޭޝިއާ ދަތުރުތަކުންކަމަށެވެ. މީގެ އިތުރުން ޝިޕްމަންޓް ފޮނުވަން ބޭނުންވާ ޓްރާންޝިޕްމަންޓް ޕޯޓުތަކާ އުޅަނދުތަކަށް ޚިދުމަތް ދޭނެކަމަށް އެމްއެސްއެސްއިން ވިދާޅުވެއެވެ.