ޚަބަރު

ޔަހޫދީ ފައުޖުން ޔުނިފިލްގެ މައި މަރުކަޒަށް ޙަމަލާދީ, އެ ތަނަށް ވަދެއްޖެ


ލުބްނާނުގައި ހަރަކާތްތެރިވާ އދގެ ސުލްޙަ ބަލަހައްޓާ ފައުޖު (ޔުނިފިލް)ގެ މައި މަރުކަޒަށް ވަދެ, އެ ތަނުގައި ތިބި އދގެ ސިފައިންނަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ބިރުދައްކައިފިއެވެ. ޔުނިފިލުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން އެ އިދާރާގެ މައި މަރުކަޒުގެ ދޮރާށީގައި ޖައްސައި, ގެއްލުން ދިނުމަށް ފަހު, ގަދަބާރުން އެ މަރުކަޒުގެ ގޯތިތެރެއަށް ވަދެފައިވާ ކަމުގައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން މި އަމަލު ކުށްވެރި ކޮށްފައިވާއިރު, އޭގެ ތެރޭގައި ޔަހޫދީންގެ މަދަދުގާރުން ވެސް ހިމެނެއެވެ.

ޔުނިފިލުން ބުނީ, ޔަހޫދީ ފައުޖުގެ މިރްކަވާ މަރުކާގެ ދެ އަސްކަރީ ޓޭންކު އެ މަރުކަޒުގެ މައި ދޮރާށީގައި ޖައްސައި, ގެއްލުން ދީފައިވާ ކަމުގައެވެ. އަދި, އެއަށްފަހު އެ ދެ ޓޭންކު މަރުކަޒުގެ ގޯތިތެރެއަށް ވައްދައި, ޔުނިފިލްގެ ސިފައިންނަށް ބިރުދައްކާފައިވާ ކަމުގައެވެ. މަރުކަޒުގެ ތެރެއަށް ވަތް ދެ ޓޭންކު ބޭރަށް ނެރުމަށް ފަހު, ޔަހޫދީ ފައުޖުން އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ޔުނިފިލްގެ މަރުކަޒު ހުންނަ ސަރަޙައްދަށް ވަރުގަަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ދުމުގެ އަސަރުކޮށްގެން ޔުނިފިލްގެ ބައެއް ސިފައިން ބަލިވި ކަމުގައި ވެސް އެ އިދާރާއިން ހާމަކުރިއެވެ.

ނަމަވެސް, ޔަހޫދީން ވަނީ އެ ކަމުން ރެކި, ކަމުގެ ޙަޤީޤަތް އޮޅުވައިލުމުގެ ގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައެވެ. ޔަހޫދީ ފައުޖުން ބުނީ, އަސްކަރީ ޓޭންކުފަހަރުން ޔުނިފިލްގެ މައި މަރުކަޒަށް ވަދެފައި ވަނީ, ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهން ދެމުން ދިޔަ ވަރުގަދަ ޙަމަލާތަކަކުން ރައްކާތެރި ކަން ހޯދުމަށް ކަމުގައެވެ. ޙިޒްބުاللهގެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ 25 މީހަކު ޒަޚަމުވި ކަމުގައި ވެސް އެ މީހުން ބުންޏެވެ. އަދި, ޔުނިފިލްގެ ސިފައިންނަށް ބިރު ދައްކާފައިވާ ކަމަށް އެ އިދާރާއިން ކޮށްފައިވާ ތުހުމަތު ޔަހޫދީ ފައުޖުން ދޮގު ކުރިއެވެ.

ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން ޔުނިފިލްގެ މައި މަރުކަޒުގެ ތެރެއަށް ވަދެ, އދގެ ސިފައިންނަށް ބިރު ދައްކާފައި މި ވަނީ ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދއަށް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝަށް މުޚާޠަބުކޮށް ނެރުނު ބަޔާނެއްގައި އަނިޔާވެރި ނަތަންޔާހޫ ވަނީ ލުބްނާނުގައި ތިބި ޔުނިފިލްގެ ސިފައިން އެ ޤައުމުން ބޭލުމަށް ގޮވައިލާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި, މިއީ ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި ޔަހޫދީ ފައުޖުން އިތުރު ޙަމަލާތައް ދޭނެ ކަމުގެ އިންޒާރެކެވެ.

އދން ވެސް ވަނީ, ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ, ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ ސިފައިންގެ ހާލަތު ގުތެރޭޝް ބައްލަވާފައިވާ ކަމުގައެވެ. އަދި, ޔަހޫދީންގެ އިންޒާރުތަކަށް ޖެހިލުންވެ, ޔުނިފިލްގެ ސިފައިން އދން ނުފައިބާނެ ކަމަށާއި, ލުބްނާނުގައި އދގެ ދިދަ ވިހުރެމުންދާނެ ކަމުގައެވެ.

އދގެ ސިފައިންނަށް އަމާޒުކޮށް ޙަމަލާ ދިނުން ހުއްޓައިލުމަށް ގުތެރޭޝް ގޮވައިލައްވާފައިވާ ކަމުގައި ވެސް ދުޖަރީކް ވިދާޅުވިއެވެ. "ސުލްޙަ ބަލަހައްޓާ ސިފައިންނަށް ޙަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި, އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އަމަލެއް. އެއީ ހަނގުރާމައިގެ ކުށެއް،" ޔަހޫދީންނަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވިއެވެ.

މިއީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔުނިފިލްގެ މައި މަރުކަޒާއި ސިފައިން ތިބޭ ޓަވަރުތަކަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި ޔުނިފިލުން ޤާއިމު ކޮށްފައިވާ ސީސީޓީވީ ކެމެރާ ނިޒާމާއި މުއާޞަލާތީ ނިޒާމު ވެސް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. އދގެ މަޞްދަރުތަކުން ބުނީ, މިއީ ލުބްނާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ހެކި ނައްތައިލަން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ.

ޔުނިފިލްގެ ސިފައިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާ ވެސް ހިމެނެއެވެ. އޮކްޓޫބަރު 13ވަނަ ދުވަހު ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތަށް ފޯނުން ގުޅުއްވައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ މި ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޔުނިފިލާއި ލުބްނާނުގެ އަސްކަރިއްޔާގެ ސިފައިންގެ ފުރާނައަށް ނުރައްކާކުރުން ހުއްޓައިލަން އޮސްޓިން ގޮވައިލައްވާފައިވާ ކަމުގައި އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ސިފައިން އެއްގަމު މަގުން ލުބްނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައިގަނެފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހު އެ ޤައުމުގެ ރަށްތަކަށް ވައިގެ މަގުން ނިރުބަވެރި ޙަމަލާތަކެއް ދޭން ފެށުމަށް ފަހުއެވެ. ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލުމުގެ ޖަރީމާތައް ހިންގަމުން މި ދަނީ ޙިޒްބުالله ބަލިކަށިކޮށް, ނައްތައިލުމުގެ ނަމުގައެވެ. މި ޖަރީމާތައް ހިންގަން ޔަހޫދީ ފައުޖުން ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ.

ލުބްނާން ޢުދުވާން ފެށުމާ އެކު, ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަން އެމެރިކާއިން ގޮވައިލާފައިވީ ނަމަވެސް, އެމެރިކާގެ ސިޔާސަތު ވަނީ ބަދަލު ކޮށްފައެވެ. އެމެރިކާގެ އައު ސިޔާސަތަކީ, ލުބްނާނުގެ ވީހާވެސް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދު ކޮށްލުމުގެ ފުރުޞަތު ޔަހޫދީންނަށް ދިނުމެވެ. އަދި, އެ ކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނާޅައި ބަލަން ތިބުމެވެ. ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގިނަ އަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު އިސްރާއީލަށް ފޮނުވުމަށް ވެސް އެމެރިކާއިން އޮތީ ނިންމާފައެވެ. މިއީ, އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމުގެ ތައްޔާރީތަކުގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,255އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.