ރާއްޖޭގެ އިޤްތިޞާދީ ޙާލަތާގުޅޭގޮތުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއީ ރާއްޖޭގެ މާލީ ޙާލަތު އޮތް ގޮތުގެ ސަބަބުންނެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތު ސިފަކުރަމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެފައިވަނީ ރާއްޖެ އޮތީ ބަނގުރޫޓް ވުމުގެ މަގުމަތީގައިކަމަށެވެ. ދަރަނި ބޮޑުވެ، ޚަރަދުތައް އިތުރުވެ، އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދާފައި ނެތުމުން އިޤްތިޞާދީ ބޮޑު ހީނަރުކަމަކާއި ދިމާލަށް ޤައުމު ދަތުރުކުރަމުންދާކަމަށް އެ އިދާރާތަކުން ދިޔައީ ފާހަގަކުރަމުންނެވެ.
ނަމަވެސް އައު ސަރުކާރު އައުމާ ހަމައަށްވެސް ބައިނަލްއަޤްވާމީ އިދާރާތަކުގެ އެލަފަޔަށް މާބޮޑު ސަމާލުކަމެއް އޭރުގެ ސަރުކާރުން ދީފައެއް ނުވެއެވެ. މިދިޔަ ދައުރު ނިމިގެން ދިޔައިރު ޤައުމު އޮތީ މީގެ ކުރިން ދުވަހަކުވެސް ނުދަރާވަރަށް ދަރާފައެވެ. 120 ބިލިޔަނަށް ވުރެ ބޮޑު ދަރަންޏެއް އޮތެވެ.
މިއާއެކު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒަޢާމަތާ ހަވާލުވެވަޑައިގަތީ، ޤައުމު އޮތް ޙަލަތު ރަނގަޅަށް އެނގިވަޑައިގެން، އެހާލަތުން އަރައިގަނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުކަމަށްވާތީއެވެ.
އެ ހާލަތުން އަރައިގަތުމަށް އެޅުއްވި އެންމެ މުހިންމު އެއްފިޔަވަޅަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެވެ. އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖޭގެ މާލީ ދާއިރާ އިސްލާހުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަވަސް ފިޔަވަޅުތައް އަޅަންޖެހޭކަމަށްވެސް ވޯލްޑް ބޭންކުންވެސް ވަނީ ވިދާޅުވެފައެވެ. މިއާއެކު ސަރުކާރުން އިޞްލާހީ ގިނަ ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އެއީ ވަގުތުން ވަގުތަށް އެޅޭނެ ފިޔަވަޅުތަކަށް އިސްކަންދީގެންނެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލުތަކާއި މުވައްޒަފުންނަށް މުސާރަ ދިނުމަށް 8 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޗާޕުކޮށްފައިވާއިރު، މިސަރުކާރުން ފައިސާ ޗާޕްކުރުން ވަގުތުން ހުއްޓާލިއެވެ. ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން ފެށީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށެވެ. އެ ޚަރަދުތައް ހަމަޖެއްސީ ދައުލަތަށް ލިބޭ ފައިސާއިންނެވެ. އަދި ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު ހުސްކޮށްލާފައި އޮތް ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް އަލުން ފައިސާ ޖަމާކުރުންފަދަ އިޤްތިޞާދީ އަދި މާލީ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން ގެންދިޔައެވެ.
ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެދަށުން ސަރުކާރުން ވަނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެކަމަށްޓަކައި ޤާނޫނަށް ބައެއް އިޞްލާހުތައް ގެނައުމަށް މަޖިލީހަށް މިހާރު ވަނީ ހުށައަޅަފައެވެ.
އެގޮތުން ޓޫރިޒަމްގެ ޚިދުމަތްދޭ ފެސިލިޓީތަކުން ނަގާ ޓީޖީއެސްޓީ ހިމެނޭހެން 3 ޓެކުހެއް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވެއެވެ. އޭގެތެރޭގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުން ހިމެނެއެވެ.
މި އިޞްލާހުތަކުގެ ދަށުން ބޮޑުކުރަން ނިންމާފައިވަނީ ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓެވެ.
ގްރީން ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން 3 ޑޮލަރުގެ ބަދަލުގައި 6 ޑޮލަރު ނަގާ ގޮތަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް 6 ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މީގެއިތުރުން 16ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފެށުމަށްވެސް ވަނީ ނިންމާފައެވެ.
އެގޮތުން ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގާއިރު މި ބަދަލާއެކު ދެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުގައި 50 ޑޮލަރު ނަގާއިރު އެ އަދަދު 120 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އެ އަދަދު 240 އަށް ބޮޑުކުރުމަށް އަދި ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ މީހުންގެ އަތުން 120 ޑޮލަރު މިހާރު ނަގަމުން އަންނައިރު އެ އަދަދު 480 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ނިންމާފައިވާއިރު ދިވެހިންގެ އަތުން ނަގަމުން ދިޔަ ފީ އާއި ރޭޓްތައް ބޮޑުކުރުމަށް ނިންމާފައެއް ނުވެއެވެ. ދިވެހިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. ހަމައެކަނި ނިންމާފައިވަނީ ރާއްޖެއަށް އަންނަ ބޭރު މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސް ބޮޑުކުރުމަށެވެ.
ސަރުކާރުން ބޮޑުކުރަން ނިންމާފައިވާ ޓެކްސްތަކަށް ބަލާއިރު ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީ އަކީ ދިވެހީން އަތުން އަދި ވިޔަފާރިތަކުގެ އަތުން ނެގޭ ޓެކުހެއް ނޫނެވެ.
މިއީ ރާއްޖެ އަންނަ ފަތުރުވެރިޔާގެ އަތުން ނަގާ ޓެކުހެކެވެ. މިކަމުގެ ސަބަބުން އެއްވެސް ވިޔަފާރިއަކަށްވެވެސް އަސަރެއް ނުކުރާނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުގެ ނިސްބަތަށްވެސް އެއްވެސް އަސަރު ނުކުރާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. ހަމައެހެންމެ ތަކެތީގެ އަގަކަށްވެސް އަދި ޢާއްމުންގެ ދިރިއުޅުމުގެ އެއްވެސް ޚަރަދެއް ބޮޑުނުވާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދެއެވެ.
ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކުހާއި ފީ ބޮޑުކުރުމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވުމުން ސަރުކާރަށް އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 3 އިންސައްތައާ ހަމައަށް އަހަރެއްގެ މައްޗަށް އިތުރުވާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މި ބަދަލުތައް ސަރުކާރުން ގެންނަން ނިންމަވާފައިވާއިރު ސަރުކާރުން ޤައުމު ހިންގަވާނީ ޕަބްލިކް އެކައުންޓް އޯވަރޑްރޯ ނުވަތަ ފައިސާ ޗާޕުނުކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށެވެ. އެހެންވެ، އިޤްތިޞާދުގެ ކަންކަން ކުރިއަށްގެންދިއުމުގައި އެންމެ ބޮޑަށް ވިސްނުންފުޅު ގެންގުޅުއްވާނީ ރައްޔިތުންގެ ހެވާއި ލާބަޔަށް ބައްލަވައިގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ފައިސާ ޗާޕު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ނިންމަވަންޖެހޭ އުނދަގޫ ނިންމެވުމަކަށް ވިޔަސް، އެކަމުން ކުރިއަށް އޮތްތަނުގައި ލިބޭނެ މަންފާއާއި ކުރިއެރުންތައް މާ ބޮޑުކަން އިޤްތިޞާދީ މާހިރުންވެސް ޤަބޫލުކުރައްވައެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖެ ބަނގުރޫޓްވެގެންދާނެކަމަށް ބުނެ ވާހަކަތަކެއް ދެއްކިނަމަވެސް ސަރުކާރުން މިއަދު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަަވަޅުތަކާއެކު މާލީގޮތުން ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ އިޤްތިޞާދީ ދުވެލިވެސް ހަލުއިވެގެންދާނެކަމަށް މާލީ އިދާރާތަކުން މިހާރު ދަނީ ބުނަމުންނެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރަން ނިންމާފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެ، ޑޮލަރުގެ މައްސަލަވެސް ހައްލުވެގެންދާނެކަމުގެ އުންމީދު މިވަނީ ބޮޑުވެފައެވެ. އައިއެމްއެފާއި ވޯލްޑް ބެންކުން ބުނަނީ އިޤްތިޞާދު ހަމައަކަށް އެޅުމަށް ރާއްޖެއިން ކުރަމުންދަނީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށެވެ.