ޚަބަރު

ފަޅުރަށް ހޯދަން ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލްތައް ރިވިއު ކުރަން ފަށައިފި


  • 4 ކައުންސިލްއަކުން ޕްރޮޕޯސަލް ހުށައެޅި

  • ބައެއް ލިޔުންތައް މަދުވުމުން ލިޔުންތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ފަޅު ރަށްތައް ހޯދުމަށް އެދި މިހާތަނަށް ހުށައެޅި ކައުންސިލްތަކުގެ ޕްރޮޕޯސަލްތައް ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރަށްރަށަށް އާމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ މާރިޗް މަހުގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ވަނީ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަރުދަނާ ސިޔާސަތުޔަކެއް އެކަށައަޅުއްވާ ތަންފީޒް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ފަޅު ރަށެއް ލިބޭނެ އުޞޫލެއް އެކުލަވާލައްވައި، އެ އުޞޫލުގެ ދަށުން ކައުންސިލްތަކުން ފަޅު ރަށް ހޯދަމަށް ޕްރޮޕޯސަލް ހުށަހަޅަމުން އަންނަކަމަށް ވޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށް ހުށަހެޅި ޕްރޮޕޯސަލްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މިހާތަނަށް 4 ކައުންސިލްއަކުން ފަޅުރަށް ބޭނުންވެގެން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށެވެ. އެއީ ރ. އިނގުރައިދޫ، ދ. ކުޑަހުވަދޫ، ލ. މާވަށު ކައުންސިލްގެ އިތުރުން މ. އަތޮޅު ކައުންސިލެވެ. އެހެންނަމަވެސް މިހާތަނަށް ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުން ހުށައަޅަންޖެހޭ ބައެއް ލިޔުންތައް ހުށައަޅާފައި ނެތުމުން އެ ލިޔުންތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަފާތު ކުރުމެއް ނެތި ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުންދީ، ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ސަރުކާރުން މަގުފަހިކޮށްދެމުންދާކަމަށެވެ.

ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި އިޚްތިޞާސްގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވެއެވެ.

ކައުންސިލްތައް ބާރުވެރިކޮށް އާމްދަނީ ލިބޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ރަށަކުން ނަގާ ޓެކުހުގެ %10 ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް ވަނީ އިޢުލާންކޮށްފައެވެ. މީގެ އިތުރުން ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަަލަ ހައްލުކޮށް އުމްރާނީ ގޮތުން ތަރައްޤީކުރުމަށް 50 ކައުންސިލް އިދާރާ އެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ކޮންޓްރެކްޓރ ފައިނޭންސް އުޞޫލްގެ ދަށުން 55 ކައުންސިލް އެޅުމަށް ހުށައަޅާފައިވާ ޕްރޮޕޯސަލް ރިވިއުކޮށް އިކޮނަމިކް ކައުންސިލްއަށް ހުށައަޅާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ވިދާޅުވިއެވެ.