ޔުއެފާ ނޭޝަންސް ލީގުގައި ޕޮލަންޑާ ދެކޮޅަށް ރޭ ކުޅުނު މެޗު ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން ޕޯޗުގަލުން ކާމިޔާބުކޮށްފިއެވެ.
ޕޮލަންޑްގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ޕޯޗުގަލް އިން ވަނީ ޕޮލެންޑްގެ ގޯލު ހުޅުވާލަފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަރނާޑޯ ސިލްވާ އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން ކެޕްޓަން ކްރިސްޓިއަނޯ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
މި މެޗުގައި ޕޯޗުގަލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ ރޮނާލްޑޯ އެވެ. މި ލަނޑަކީ ރަފައެލް ލިއާއޯ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ރޮނާލްޑޯ ދެވަނަ ފަހަރަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޕޯޗުގަލް އަށް 133 ލަނޑު ކާމިޔާބުކޮށްދީ ސީނިއާ ކެރިއަރގައި އޭނާ ގައުމީ ޓީމާއި ކްލަބްތަކަށް ޖެހި ލަނޑުގެ އަދަދު 906 އަށް އަރުވާފަ އެވެ.
ޕޮލެންޑް އިން މި މެޗުގައި ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައިވަނީ މެޗުގައި 78 ވަނަ މިނިޓުގައި ޒިއެލިންސްކީ ކާމިޔާބުކޮށްދިން ލަނޑާއެކުގަ އެވެ. ޕޯޗުގަލް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ޑިފެންޑަރ ޖޭން ބެޑްނަރެކްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި މެޗުން މޮޅުވުމާއެކު ލީގު އޭގެ ގްރޫޕް އެކެއްގައި ޕޯޗުގަލް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް އެ ޓީމުން ވަނީ 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ހޯދާފަ އެވެ. ޕޯޗުގަލް އިން އަންނަ އަންގާރަ ދުވަހު ނިކުންނާނީ ސްކޮޓްލޭންޑާއި ދެކޮޅަށެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ސްކޮޓްލެންޑް ވަނީ ބަލިވެފަ އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ ކްރޮއޭޝިއާ ވަނީ ރޭ 2-1 ގެ ނަތީޖާއަކުން ސްކޮޓްލެންޑް ބަލިކޮށްފައެވެ. ކްރޮއޭޝިއާ އޮތީ ތިން މެޗުން 6 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގަ އެވެ.