ޚަބަރު

ވަކި ސަރަހައްދުތަކެއްގައި ޑްރޯން ބޭނުންކުރަން ހުއްދަ ހޯދަންޖެހޭ


ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ޑްރޯން އޮޕަރޭޓްކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް މިނިސްޓްރީން އަންގަވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުއްވި ޢިއުލާނެއްގައިވާގޮތުން މިގޮތަށް ނިންމާފައިވަނީ، ސިފައިން ސެކިއުރިޓީ ބަލަހައްޓާ ބައެއް ސަރަޙައްދުތަކުގައި، އަން-މޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން އޮޕަރޭޓްކުރުން ޢާންމުވެފައިވާތީކަމަށެވެ. އަދި މާލެފަދަ ތޮއްޖެހިފައިވާ ތަނެއްގައި، މިފަދަ ތަކެތި އޮޕަރޭޓްކުރުމާއި، އެއަރޕޯޓްތައް ކައިރީގައި މިފަދަ ތަކެތި އޮޕަރޭޓްކުރުމަކީ ޢާންމުންގެ ސަލާމަތާއި އަދި ޤައުމީ ސަލާމަތަށްވެސް ނުރައްކާވެ، ނުރައްކާތެރި ޙާދިޘާއެއް ހިނގުމަށް މަގުފަހިވެދާނެ ކަމެއްކަމަށް މި ޢިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި މިފަދަ ތަކެތި އޮޕަރޭޓްކުރާނަމަ، އޮޕަރޭޓްކުރުމުގެ ކުރިން ޑިފެންސް މިނިސްޓްރީގެ ޚާއްޞަ ހުއްދައެއް ލިބިގެން ނޫނީ އެފަދަ ތަކެތި އޮޕަރޭޓް ކުރުމަކީ މަނާކަމެއްކަމަށްވެސް މި ބަޔާނުގައިވެއެވެ.

ޑިފެންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި އަން-މޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަ ތަކެތި، އޮޕަރޭޓްކުރުން މަނާ ސަރަހައްދުތައް ކަމުގައި އެމިނިސްޓްރީން ކަނޑައަޅުއްވާފައިވަނީ، މާލޭގެ ހުޅަނގުކޮޅު ރަސްފަންނު ސަރަޙައްދު ފިޔަވައި، މާލޭގެ އެހެން ހުރިހާ ސަރަޙައްދަކާއި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކާއި ކ.އާރަށާއި، ގިރިފުށި، އަދި ސިފަވަރު (އުތުރު ތިލަފަޅު) ހިމެނޭ ސަރަހައްދެވެ. އަދި ޅ.މަޑިވަރު، މާފިލާފުށި ހިމެނޭ ސަރަހައްދާއި ލ.ކައްދޫ ސިފައިންގެ މަރުކަޒު ހިމެނޭ ސަރަޙައްދާއި ސ.ގަން ސިފައިންގެ މަރުކަޒު ހިމެނޭ ސަރަޙައްދުގައިވެސް އަން-މޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަ ތަކެތި، ޑިފެންސް މިނިސްޓްރީގެ ހުއްދައަކާ ނުލައި އޮޕަރޭޓްކުރުންވެސް އެ މިނިސްޓްރީއިން ވަނީ މަނާކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީން މިގޮތަށް ނިންމަވާފައިވަނީ ސިފައިންގެ ޤާނޫނުގެ ދަށުން އެ މިނިސްޓްރީއަށް ލިބިފައިވާ ޤާނޫނީ ޒިންމާގެ ދަށުން، މި ކަމަކީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.