އޭޝިއާ ސަރަހައްދުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ޖަޕާނުން ނަގައިފިއެވެ.
ކޮލިފައިންގެ އޭޝިޔާ ބައްރުގެ ގްރޫޕް ސީގައި ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދާފައެވެ. ދެވަނައިގައި އޮތް އޮސްޓްރޭލިއާ އަށް ތިން މެޗުން ލިބިފައިވަނި ހަތަރު ޕޮއިންޓެވެ.
ސައުދި އަރަބިއްޔާގެ ޖިއްދާގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ޑައިޗީ ކަމާޑާ ވަނީ ލަނޑެއް ޖަހާ ޖަޕާނަށް ކުރި ހޯދަދީފަ އެވެ. ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ފުރަތަމަ ހާފްގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ސައުދި އަރަބިއްޔާއަށް ޕެނަލްޓީ އެއް ދިން ނަމަވެސް ރެފްރީ ވަނީ ވީޑިއޯ ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފަ އެވެ.
މި މެޗުގައި ޖަޕާނުން ދެވަނަ ލަނޑެއް ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ކޮކީ އޮގާވާ އެވެ.
ޖަޕާނުން މި މެޗުގައި ޖެހި ދެ ލަނޑާއެކު އެ ޓީމުން ކޮލިފައިންގެ ތިން މެޗުގައި ޖެހި ލަނޑުގެ އަދަދު 14 އަށް އަރާފައިވާއިރު ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.
މި ފަހަރުގެ ވޯލްޑްކަޕަށް ޖަޕާން ކޮލިފައިވެއްޖެނަމަ އެއީ ޖެހިޖެހިގެން އެ ގައުމު ވޯލްޑްކަޕްގައި ވާދަކުރާ އަށްވަނަ ފަހަރެވެ.
ކޮލިފައިގެ އޭޝިޔާ ބައްރުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކުވައިތު އަތުން އޮމާން ވަނީ 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި އުތުރު ކޮރެއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު އިރާގު ވަނީ 1-0 ގެ ނަތީޖާއަކުން ފަލަސްތީން ބަލިކޮށްފަ އެވެ.