ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅުވައިގެން އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ހަމަޖައްސަވައިފިއެވެ.
ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެެވެ. އަދި "ޝޭޑްސް އޮފް މައިންޑް"ގެ ނަމުގައި އާޓް އެގްޒިބިޝަން ކުރިއަށް ގެންދަނީ ނޮވެމްބަރު 12 އިން 17 އަށްކަމަށް ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އުމުރުން 16 އަހަރާއި 35 އަހަރުގެ މީހުންނަށް ހިލޭ އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެގްޒިބިޝަންގެ ތެރެއިން ކުރެހުންތައް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު އަލީ ޝަހީމް ވިދާޅުވީ މި އާޓް އެގްޒިބިޝަނަކީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން މައިގަނޑު އެއް ހަރަކާތް ކަމަށެވެ.
އަލީ ޝަހީމް ވިދާޅުވީ އެ ވުޒާރާއިން މިފަދަ އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ނިންމީ، ނަފްސާނީ ސިއްހަތުގެ މައްސަލަތައް ރާއްޖޭގައި ގިނަވުމާއެކު އާންމުން މިކަމަށް ހޭލުންތެރިކުރުވުމަށް ކަމަށެވެ.
"ރާއްޖޭގައި އިތުރުން ދުނިޔޭގައިވެސް ނަފްސާނީ މައްސަލަތަކަކީ ގިނަ މައްސަލަތަކެއް. އެހެންވުމުން އަޅުގަނޑުމެން މި މައުޟޫއަށް އާޓް އެގްޒިބިޝަނެއް ބޭއްވުމަށް މި ނިންމީ. އަޅުގަނޑުމެން މި އެގްޒިބިޝަން ހުޅުވާލާފައިމިވަނީ ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭގޮތަށް" އަލީ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އާޓް އެގްޒިބިޝަން މެދުވެރިކޮށް ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެއްވުމަކީ އަމާޒުކަމަށެވެ.
ޒުވާނުން ބާރުވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވީ އެގްޒިބިޝަނާއި ގުޅޭ އިތުރު މައުލޫމާތު އެ ވުޒާރާގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ލިބޭނެކަމަށެވެ.