ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެގޮތަށް ޤާނޫނު އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތައް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަން ފެންނަ އިޞްލާޙުތަކަކީ 2019 ވަނަ އަހަރުން ފެށިގެން ސިޔާސީ ޕާޓީތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ އިޞްލާޙުތަކެއްކަމަށެވެ.
ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް މައިގަނޑު ދެ އިސްލާހެއް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެއީ ޕާޓީތަކުގެ ކޮންގްރެސް ބާއްވާ ގޮތާއި ޕާޓީތަކަށް ފައިސާދޭ އުސޫލާއި ގުޅޭ އިސްލާހުތަކެކެވެ.
ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް 5 އަހަރުތެރޭ ބާއްވަން ޖެހޭގޮތަށް އޮތްނަމަވެސް ދިމާވެދާނެ ހާލަތަކަށް ބަލައި އެކަށީގެންވާ ސަބަބަކާއެކު ކޮންގްރެސް ލަސްކުރެވިދާނެގޮތަށް އިސްލާހުގައި ހިމަނުއްވާފައިވެއެވެ.
މިހާރު ޤާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަން ޖެހެނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ނަމަވެސް ޤާނޫނަށް ގެންނަ އިސްލާހާއެކު ސިޔާސީ ޕާޓީތަކަށް ޚާއްސަކޮށްފައިވާ ބަޖެޓު 4 ބަޔަކަށް ބަހާލެވޭނެއެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކަށާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށާއި މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީތަކުގެ ކާމިޔާބީއެވެ. ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް ދޭން ކަނޑައަޅާ ފައިސާގެ %25 ހާއްސަ ކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކަށެވެ. އޭގެ އިތުރުން %25، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ޚާއްސަކުރާއިރު މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް %30 އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ހޯދާ ކާމިޔާބީއަށް %20 ޚާއްސަކުރަން ވަނީ ހުށަހަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިޞްލާޙުތަކާބެހޭ ގޮތުން މަޝްވަރާކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދަޢުވަތުދީގެން މިދިޔަ އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވިކަމަށެވެ.
މި ބައްދަލުވުމުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީން ބައިވެރިވެ، ސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނަ އިޞްލާޙުތަކަށް އިތުރަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.