ޚަބަރު

ޓެރަރިޒަމާ ބެހޭ ސިޔާސަތު ހާމަކުރާ ކަރުދާހެއް މަޖިލީހަށް


ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމާބެހޭ ގޮތުން، ދައުލަތުގެ ސިޔާސަތު ހާމަކުރާ ކަރުދާހެއް، ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވައި، އެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުން އެދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މީގެ އިތުރުން ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމުގެ މައްސަލައިގައި، އިތުރަށް އެޅިދާނޭ ފިޔަވަޅުތަކާބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިޔުމަކީ، މި ވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވެފައި، މިއީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައަކަށްވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. އަދި ހަމައެއާއެކު، މިއީ މުޅި ދުނިޔެއަށް ވެސް ދިމާވެފައިވާ ބިރުވެރި އެހާމެ ނުރައްކާތެރި މައްސަލައަކަށްވާއިރު، މިކަމުގައި ރާއްޖެއިން މިހާރުވެސް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔަނަމަވެސް، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ތެރެއިންނާއި، އަދި ޤާނޫނީ އޮނިގަނޑު އިޞްލާޙުކޮށްގެންވެސް، އިތުރު އަވަސް ފިޔަވަޅު ތަކެއް އަޅުއްވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޓެރަރިޒަމާއި ހައްދު ފަހަނައަޅައި ދިޔުމުން ދިމާވެފައިވާ އަދި ދިމާވަމުންދާ، ޚާރިޖީ، ދާޚިލީ، އަދި އިޖްތިމާޢީ މައްސަލަތަކަކީ، އެކަންކަން ޙައްލުކުރުމުގައި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.