ޚަބަރު

އިންޑިއާ ދަތުރު ވަރަށް ކާމިޔާބު، އިޤްތިސާދީގޮތުން ބޮޑު ފައިދާތަކެއް ލިބޭނެ: މާލީ ވަޒީރު


  • އިންވެސްޓަރުންނަށް 3 ފޯރަމެއް ބާއްވާފައިވޭ

  • ގިނަ ފައިދާތަކެއް ވާނެ ކަމަށް ވިދާޅުވި

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ޒަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރުފުޅުގައިވަނީ އެޤައުމުގެ 3 ސިޓީއަކަށް ޒިޔާރަތްކޮށް، ވިޔަފާރީގެ ފޯރަމުތައްވެސް ބާއްވާފައެވެ.

މިކަންތައްތައް ފާހަގަކުރައްވާ ވަޒީރު ޒަމީރު ވިދާޅުވީ މިއީ ރާއްޖޭގެ ރައީސަކު އިންޑިއާއަށް ކުރެއްވި އެންމެ ކާމިޔާބު ދަތުރަށްވެގެންދާނެ ކަމަށެވެ.

"މިދަތުރުފުޅުވާނެ ރާއްޖޭގެ ރައީސަކު އިންޑިއާއަށް ކުރެއްވި އެންމެ ކާމިޔާބު ދަތުރުފުޅަށް، ބައިލެޓްރަލް ބައްދަލުވުންތަކުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށް ވިޔަފާރި ފޯރަމްތައް ބާއްވާ، އިންޑިއާގައި އުޅޭ ދިވެހިންނާއިވެސްވަނީ ބައްދަލުކޮށްފައި، މީގެ ނަތީޖާ ވަރަށް ތަފާތުކޮށް ފެނިގެންދާނެ، ވަޒީރު ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ޒަމީރު ވަނީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ރާވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިދަތުރުގައި ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުން ކަމަށް ވިދާޅުވިއެވެ.

އަދި ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެން ދިޔުމަށްވެސް މިއީ މުހިންމު ދަތުރުފުޅެއްކަން ޒަމީރު ފާހަގަކުރެއްވިއެވެ. ރުޕޭ ކާޑާއެކު ލިބިގެންދާނެ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ވަރަށް ގިނަ މީހުން މެޑިކަލް ބޭނުމަށް އަދި މަތީ ތައުލީމަށްވެސް އިންޑިއާއަށް އާދޭ، އެފަރާތްތަކަށް ޑޮލަރަށް ބަރޯސާ ނުވެ، ސީދާ ރުޕީސްއިން އެކަން ކުރެވޭނެ، މިއީ ބޮޑު ފަސޭހައަކަށް ވާނެ،" ޒަމީރު ވިދާޅުވިއެވެ.

ވަޒީރު ޒަމީރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާއެކުވެސް ގާތްގުޅުމެއް ބާއްވައިގެން މަސައްކަތްކުރުމަށްކަމަށެވެ. އަދި މިބާއްވާ ގުޅުންތަކުގައިވެސް ސަރުކާރުން އިސްކަންދެނީ ދިވެހި ރައްޔިތުންނަށް ފަހި ގޮތްތައް ހޯދާދިނުމަށް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.