ޚާރިޖީ ސިޔާސަތުގެ ތެރޭގައި ފޮރުވާނެ އެއްޗެއް ނެތްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު ޚަލީލު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.
ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްގެންދެވީ ހިތް ނިޔަތް ޚާލިސް ކުރައްވައިގެން ކަމަށާއި އެމަނިކުފާނު އެއްބަސްވެވަޑައިގަންނަވާ ކަމެއް ކުރައްވާނެކަން އިންޑިއާގެ ސަރުކާރުގެ ވެރިން މިއަދު ދަންނާނެކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން ކުރާ ކަންކަމަކީ ޤައުމަށާއި ރައްޔިތުންނަށްވެސް ފައިދާވާނެ ކަންތައްތަކެއް ކަމަށާއި ދެ ޤައުމުގެ ގުޅުމުގައި ފޮރުވަންވީ އެއްވެސް ކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް، މަސައްކަތް ކުރަމުން އަންނަ ޤައުމުކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ ޤައުމު ކަމަަށެވެ. އެ މަސައްކަތުގައި ދެ ޤައުމުގެ ފަރާތުންވެސް ބޭނުންވަނީ އިޚްލާސްތެރިކަން ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
"އެންމެ ބޮޑު ތަފާތަކީ ރައްޔިތުންނަށް ފޮރުވާނެ ކަމެއް ނެތްކަން. އަޅުގަނޑުމެން އިންޑިއާ ސަރުކާރާއެކު ކުރެވުނު ނެގޯސިއޭޝަންގެ ތެރޭގައި އުފެދިގެން ދިޔައީ ވިޝަން ޑޮކިއުމަންޓް. އެ ޑޮކިއުމަންޓް އެއޮތީ އިންޑިއާ ސަރުކާރުގެ ވެބްސައިޓްތަކުގައި ޝާއިއުކޮށްފައި. ހަމައެގޮތަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވެސް ހުރިހާ މައުލޫމާތެއް އެހުރީ،" ޚާރިޖީ ވަޒީރު ޚަލީލް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުތަކުން ކަންކަން ފޮރުވުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލުނުކަމަށާއި ހުރިހާ މަޢުލޫމާތެއް ހާމަކުރެއްވުމަކީ އެ އިތުބާރު ހޯއްދެވުމަށް ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. މިއީ މި ސަރުކާރު އައިފަހުން ޚާރިޖީ ސިޔާސަތަށް އައި ވަރަށްބޮޑު ބަދަލެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ދޭތެރޭގައި އެކުލަވައިލެވުނު ވިޝަން ޑޮކިއުމަންޓަކީ ތައުލީމީ ގޮތުން ރާއްޖޭގައި ފަންނުވެރިކަން އިތުރުކުރުމުގެ ފުރުސަތުތަކާއި ސިއްޙީ އެކި ޚިދުމަތްތައް ގާއިމުކުރުމަށާއި ތަމްރީން ފުރުސަތުތައް ހުޅުވިގެންދާނެ ޑޮކިއުމަންޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ނޫންވެސް ރާއްޖޭގެ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އެހީތެރިވުމަށްޓަކައި މި ޑޮކިއުުމަންޓުގެ ތެރެއިން މަސައްކަތް ކުރެވި ކާމިޔާބީތަކެއް ހާސިލްކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންޑިއާ ސަރުކާރުން ހުށަހަޅާ ކަންކަމާމެދު ރައްޔިތުންނަށް ފައިދާވާގޮތަށް ބަދަލުކުރުމުގެ ފުރުސަތު އޮތްކަން އެ ޤައުމުގެ ސަރުކާރުންވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޤައުމު ކުޑަނަމަވެސް ދިވެހި ރައްޔިތުންނަކީ މިނިވަންކަމާއި އިސްތިގުލާލަށް ލޯބިކުރާ ބައެއްކަން އިންޑިއާ ސަރުކާރުން ބަލައިގަންނަ ކަމަށްވެސް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.