ޚަބަރު

އަނިޔާއަށްފަހު މެސީގެ ފުރަތަމަ މެޗުގައި ވެނެޒުއޭލާއާ ދެކޮޅަށް


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ލިއޮނެލް މެސީއަށް ލިބުނު އަނިޔާއަށްފަހު، ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވެއްޖެއެވެ.

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާއިރު، އޭނާ ވަނީ އަނިޔާއިން ރަނގަޅުވެ އިންޓަރ މަޔާމީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ ކޮލިފައިންގައި ވެނެޒުއޭލާ އާއި ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް އެކުލަވާލި ސްކޮޑުގައި މެސީ ހިމަނާފައެވެ.

ވެނެޒުއޭލާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗަށް އާޖެންޓީނާގެ ފަރިތަކުރުންތައް ބާއްވާފައިވަނީ މެސީގެ ކުލަބު އިންޓަރ މަޔާމީގެ ދަނޑުގައެވެ. ކޯޗު ސްކަލޯނީ ވަނީ މި މެޗުގެ ކުރިން ވެނެޒުއޭލާއަށް މިހާރު ކުރިމަތިވެފައިވާ "ހަރިކޭން މިލްޓަން" ގެ ނުރައްކާތެރިކަން ހާމަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވެނެޒުއޭލާއާ ދެކޮޅަށް ކުޅުމަށްފަހު އަމިއްލަ ގައުމުގައި އާޖެންޓީނާ ބޮލީވިއާއާ ދެކޮޅަށް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް އާޖެންޓީނާ ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 8 މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ. ދެވަނައިގައި އޮތް ކޮލަމްބިއާއަށް ލިބިފައިވަނީ 8 މެޗުން 16 ޕޮއިންޓެވެ.