މިރަމަޟާންމަހު ތަރާވީސް ގަޑީގެ ކެއުން ފަދަ އެއްވެސް ކަމެއް، މަގު ބަންދުކޮށްގެން ކުރުމަށް ހުއްދަ ނުދެއްވާނެކަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ މި ރަމްޟާންމަހު މާލޭގެ މަގުތައް ބަންދުކުރަން ހުއްދަ ދެއްވައިފިނަމަ އެކަމުގެ ސަބަބުން ޢާންމުންނަށް ވަރަށް ބޮޑަތި ދަތިތަކާ ކުރިމަތިވާނެކަމަށާއި އެހެންކަމުން މިފަހަރު ރަމަޟާން މަހު އެއްވެސް މަގެއް ބަންދުކޮށްގެން، އެފަދަ ކަމެއް ކުރުމަށް ހުއްދަ ނުދެއްވާނެކަމަށެވެ. އެހެންނަމަވެސް އެސަރަޙައްދެއްގެ މީހުން ބާއްވާ ތަރާވީސް ކެއުންފަދަ ކަންކަން ބޭއްވުމަށް މާލޭގެ ހުސްކޮށް ހުރި ސަރަޙައްދުތައް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދެއްވާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ ޢިމާރާތްކުރުމުގައި ކޮންޓްރީޓް އެޅުމަށް މިހާރުވެސް މާލޭގެ ކޮންމެ އަވަށަކުން ދެ ސައިޓަކަށް ހުއްދަ ދެއްވަމުންދާކަމަށާއި އޭގެ އިތުރަށް މިފަދަ ކަންކަމަށް މަގު ބަންދުކުރުމަށް ހުއްދަ ދޭއްވާނަމަ ދަތިތަކާ ކުރިމަތިވާނެކަމަށެވެ.
މީގެއިތުރުން މަގުމަތީގައި ކުދިކުދި މަސައްކަތްތައް ހިންގުމަށް ޢާންމު ފަރާތްތަކުން، މަސައްކަތް ހިނގާކަން އަންގައިދޭ ބޯޑަށް އެދުމުންވެސް މިހާރު އެހުއްދަ ދެއްވަނީ ޓްރެފިކް ޕޮލިހުން ކަނޑައަޅާ ގަޑިއެއްގައި އެމަސައްކަތެއް ކުރާގޮތަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.