ތިމާވެށި

"ދުޅަހެޔޮ ކަނޑުތަކެއް، ދުޅަހެޔޮ ދުނިޔެއެއް"


މިއަދަކީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. 1992 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ނުރަސްމީ ސިފައެއްގައި ފާހަގަކުރަން ފަށާފައިވީ ނަމަވެސް، ރަސްމީ ސިފައެއްގައި މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ އދ. ގެ ޢާއްމު މަޖިލީހުން 2008 ވަނަ އަހަރުގެ ޑިސެމްބަރުމަހު މިދުވަސް ރަސްމީ ސިފައެއްގައި ފާހަގަކުރަން ނިންމެވުމާއެކުއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަވަމުންނެވެ.

އދ.ގެ ޢާއްމު މަޖިލީހުން ފާސްކޮށްގެން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ކަނޑުތަކުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ދުޅަހެޔޮ ކަނޑުތަކެއް، ދުޅަހެޔޮ ދުނިޔެއެއް“ މި ޝިއާރެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަނޑުތަކުގެ ދިރުން ދެމެހެއްޓުމަށް ދޭ ސަމާލުކަން އިތުރުކޮށް، މިރޮނގުން ކުރެވޭ އެކިއެކި މަސައްކަތްތަކަށް ބާރުއެޅުމެވެ. ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ޙިއްޞާކުރާ އެއް ދާއިރާކަމުގައިވާ މަސްވެރިކަމަކީ ކަނޑުރޯދިން ލިބޭ އާމްދަނީއަކަށްވެފައި ދިވެހީންނަށް، ދިވެހީން އެ ކަނޑަކުން މަސްބާނާ ދިވެހީންގެ ކަނޑުތަކުގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ޢަޒުމް ކަނޑައަޅާ، މި ކަނޑުތަކާއި ކަނޑުތަކުގެ ދިރުން ރައްކާތެރިކަމާއިއެކު ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެކެވެ. 

img:http://s3.psmnews.mv/images/660x400/14653666578450.jpg|

ދިވެހީންގެ ދިރުންކަމުގައި ބުނެވޭ ކަނޑުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ލާބައާއި މަންފާ ލިބޭނީ ހަަމަ އަޅުގަނޑުމެން ދިވެހީންނަށްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. މަސް ކަނޑުތަކުގެ މަންފާ ހެޔޮގޮތުގައި ލިބިގަތުމަކީ ދިވެހީންގެ މަސްވެރިކަން ކުރިއަރުވައި، މަހަށް ލިބޭ އަގު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމެއްކަން ޔަޤީނެވެ. ރާއްޖޭގައި ކުރާ ތިމާވެއްޓާއި ރަޙުމަތްތެރި ދޮށީގެ މަސްވެރިކަމަކީ، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ކަމެކެވެ. އަދި، މިއީ ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހީން ދައްކާ ލާމަސީލު މިސާލެއްކަން މުޅި ދުނިޔެވެސް ޤަބޫލުކުރާ ކަމެކެވެ.

އަޅުގަނމެންގެ ކަނޑުތަކާއި ގުޅިފައިވާ އިތުރު އެތައް ކަންތައްތަކެއް ވާކަން މިއީ، މި ދަނޑިވަޅުގައި ފާހަގަކޮށްލަންޖެހޭ މުހިއްމު ނުކުތާއެކެވެ. މިގޮތުން ކަނޑުތަކުގެ ދިރުމަށް އޭގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަކީ ރާއްޖޭގައިވެސް ބޮޑު މައްސަލައެކެވެ. ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މިދިޔަ ހަފްތާ ބަންދުގައި މާލޭގައި ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ކުނި މެނޭޖްކުރުމާ ބެހޭ ޑިޕާޓްމަންޓުން ވަނީ ކުނި މެނޭޖްކުރުމުގައި ފަރުދީ ޒިންމާ އިސްކުރުމަށް އަމާޒުކޮށް ސާފުރާއްޖޭގެ ނަމުގައި ކެމްޕޭނެއްވެސް ފައްޓަވާފައެވެ.

img:http://s2.psmnews.mv/images/660x400/14653666363934.jpg|ކަނޑަށް އުކާލާފައިވާ ކުނިތަކެއް ޖަމާވެފައި / މިފަދަ ކަންކަމުގެ ސަބަބުން ކަނޑުގެ ދިރުމަށް ނޭދެވޭ އަސަރު ކުރޭ

ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ބޮޑު މައްސަލައަކަށް ވެފައިވާއިރު ގޮނޑުދޮށްތަކަށް އަޅާ ކުނީގެ ސަބަބުން ވެލާ ކަހަނބާއި މަޑީގެ ބާވަތްތަކާއި މުރަކަ ފަރުތަކުގެ އިތުރުންވެސް، ކަނޑު އަޑީގެ އެހެން ދިރުންތަކަށް ކުރާ އަސަރަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. 

މިގޮތުން ކަނޑަށް އަޅާ ކުނީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރު ކުރާނެ ކަން ޔަގީނެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި، ކަނޑުތަކުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް މިއަދު މިވަނީ އަތުކުރި އޮޅާލަން ޖެހިފައެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި، އަޅުގަނޑުމެންގެ ކަނޑުތަކާއި، ކަނޑުތަކުގައިވާ ދިރުމަކީ، މި ޤައުމާއި އަޅުގަނޑުމެންގެ ކުރިމަގާއި، މި ޤައުމުގެ އިޤްތިޞާާދާއި ގުޅި ލާމެހިފައިވާ އެއްޗެއްކަން އެންމެންވެސް ޤަބޫލްކުރާ ހިނދު، ތިމާވެއްޓާއި މި ރާއްޖޭގެ ކަނޑުތައް ޙިމާޔަތްކުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. 

img:http://s3.psmnews.mv/images/660x400/14653666686226.jpg|

މުތީތަކެއްފަދަ މިރީތި ރާއްޖޭގެ ރަށްތަކާއި، ދުނިޔޭގައި ދެވަނައެއް ނެތް ޗާލު ދޮންވެލީގެ ގޮނޑުދޮށްތަކާއި، މި ކަނޑުތަކާއި ކަނޑުތަކުގައިވާ ދިރުންތަކަކީ އަމާނާތެއްގެ ގޮތުގައި ދެކި، މި އަމާނާތް ރައްކާތެރިކަމާއިއެކު އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަށް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް ޢަޒުމް ކަނޑައަޅަންޖެހެއެވެ.