ޕެންޝަން ފަންޑަކީ މިހާތަނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ފައިސާގެ ފަންޑެވެ. ޕެންޝަން ފަންޑު ސްކީމްގައި އަށްޑިހަ ހާހަށްވުރެ ގިނަ މެމްބަރުން ހިމެނެއެވެ. މި ފަންޑުގައި މިހާރު ހުރި ފައިސާގެ ޢަދަދު 5.1 ބިލިއަނަށް އަރައެވެ. މި ފައިސާ ރައްޔިތުންގެ ފައިދާއަށް އެކި ކަންކަމުގައި އަންނަނީ އިންވެސްޓް ކުރަމުންނެވެ. ޕެންޝަން ފަންޑުން މައިގަނޑު ގޮތެއްގައި އިންވެސްޓްކުރަނީ ސަރުކާރުގެ ބޮންޑުގައާއި، ދިރާގު ޝެއަރ އަދި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ސްކޫކާއި ބޮންޑުގައެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑައިރެކްޓަރ ސްޓޭކް ހޯލްޑަރ ރލޭޝަންސް އިސްމާޢީލް ސުޖާޢު ވިދާޅުވީ، ޕެންޝަން ފަންޑުގެ ބައިވެރިން ކޮންމެ މަހަކު އެ ފަންޑަށް ޖަމާކުރާ ފައިސާގެ އިތުރުން އެ ފަންޑުން އިންވެސްޓްކޮށްގެން ބޮޑު ނަފާއެއް ޕެންޝަނަރުންނަށް ލިބޭކަމަށެވެ.
ޕެންޝަނަރުންނަކީ ޢުމުރުން 65 އަހަރުވެ، އެފައިސާ ލިބެމުންދާ ފަރާތްތަކެވެ. އެގޮތުން ޕެންޝަން ފަންޑުން 2011 ވަނަ އަހަރު 7.8 މިލިއަން ފައިސާ ދޫކުރައްވާފައިވާއިރު، 2012 ވަނަ އަހަރު 21.4 މިލިއަން ރުފިޔާ، 2013 ވަނަ އަހަރު 25 މިލިއަން ރުފިޔާ، 2014 ވަނަ އަހަރު 35.9 މިލިއަން ރުފިޔާ، 2015 ވަނަ އަހަރު 48.8 މިލިއަން ރުފިޔާ އަދި މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް 14.5 މިލިއަން ރުފިޔާ ބައިވެރިންނަށް ދޫކުރައްވާފައިވެއެވެ. ސުޖާޢު ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުރި ފައިސާ ހޯދަން މަސައްކަތް ނުކުރާ ބައިވެރިންވެސް އެބަތިބިކަމަށެވެ. އެއީ އެކި ސަބަބުތަކާ ހުރެ ފަންޑުގައި ފައިސާ ހުރިކަން ނޭނގެނީކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަރާތްތަކުގެ ޢާއިލާގެ ފަރާތުން މި ފަންޑުގެ މަޢުލޫމާތު ސާފުކޮށް ފައިސާ ނަގަން ޕެންޝަން އޮފީހުން އިލްތިމާސް ކުރައްވައެވެ.
ޕެންޝަން ފަންޑުން ރާއްޖެއިން ބޭރުގައި އިންވެސްޓްކުރުމަށް ޤާނޫނު ތަންދޭކަމަށާއި، އެ ވިސްނުން އަބަދުވެސް ގެންގުޅުއްވާކަމަށް ސުޖާޢު ވިދާޅުވިއެވެ. ނަމަވެސް ބޭރު ފައިސާ ހޯދުމުގައި ދަތިތަކެއް ހުރުމާއެކު، މިވަގުތު އިސްކަން ދެއްވަނީ ޕެންޝަން ފަންޑު ހަރުދަނާކުރައްވައި، ފަންޑު މެނޭޖުކުރުމަށްކަމަށް ޑައިރެކްޓަރ ސްޓޭކް ހޯލްޑަރ ރިލޭޝަންސް އިސްމާޢީލް ސުޖާޢު ވިދާޅުވިއެވެ.
ޕެންޝަނާބެހޭ ޤާނޫނު ފަރުމާކުރެވިފައިވަނީ، ރިޓަޔަރމަންޓް ބެނެފިޓް ސްކީމެއް ހިންގުމަށެވެ.