އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ކާމިޔާބުކޮށް، ބްރައިޓަން އިން ތާވަލުގެ ހަވަނަ މަގާމު ހޯދައިފިއެވެ.
މި މެޗުން މޮޅުވުމާއެކު ބްރައިޓަން އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު, ޓޮޓްނަމަށް ހަތް މެޗުން ލިބިފައިވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނަ އެވެ.
ބްރައިޓަން ގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި ޓޮޓްނަމްގެ ބްރެނަން ޖޯންސަން ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފްގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ޖޭމްސް މެޑިސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް 2-0 ގެ ލީޑެއް ޓޮޓްނަމަށް ހޯދަދީފަ އެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ބްރައިޓަންގެ ޔަންކޫބާ މިންޓޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ބްރައިޓަންއަށް އުންމީދު އާކޮށްދީފަ އެވެ. މިއީ ނިއުކާސަލް ޔުނައިޓެޑުން ޔަންކޫބާ ބްރައިޓަން އާއި 30 މިލިއަން ޕައުންޑްގެ ފީއަކަށް ގުޅުނު ފަހުން އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މި މެޗުގައި ބްރައިޓަންއިން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 58 ވަނަ މިނިޓުގައި މިޓޯމާ ދިން ބޯޅައަކުން ޖިއޮޖީނިއޯ ރަޓާރ އެވެ. މި މެޗުގައި މިޓޯމާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ބްރައިޓަންއިން މި މެޗުން މޮޅުވި ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެނީ ވެލްބެކް އެވެ. މި ލަނޑަކީ ރަޓާރ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެލްބެކް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ބްރައިޓަންއިން ލީޑު ނެގުމާއެކު މި މެޗުގެ ނަތީޖާ ބަދަލުކުރުމަށް ޓޮޓްނަމުން ވަނީ ބަދަލުތަކެއް ކޮށްފަ އެވެ. ނަމަވެސް ބްރައިޓަން ކޮޅަށް އިތުރު ލަނޑެއް ޖެހޭ ގޮތް އެ ޓީމަށް ވަނީ ނުވެފައެވެ.