ޚަބަރު

މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާޙެއް ހުށައަޅައިފި


އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށް، ވިޔަފާރިތަކަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ފަންޑު ހޯދުމުގެ މަޤްޞަދުގައި އިޞްލާޙެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިޞްލާޙު ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢުއެވެ.

މިބިލް ހުށައަޅުއްވާފައިވަނީ މިހާރަށްވުރެ ރާއްޖޭގެ މާލީ ސެކިއުރިޓީގެ ނިޒާމް ހަރުދަނާކޮށް ތަރައްޤީކޮށް، އިސްލާމިކް ފައިނޭންސްގެ އެކި ބާވަތުގެ ޕްރޮޑަކްޓްތައް ރާއްޖޭގެ މާކެޓަށް ތަޢާރަފްކުރުމަށެވެ. މީގެ ތެރޭގައި ޚާއްސަ އިޤްތިޞާދީ ސަރަޙައްދެއްގައި ޤާއިމްކުރެވޭ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކޮށް ތަންފީޒްކުރުމަށް މަގުފަހިކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ކުންފުނިތައް މެދުވެރިކޮށް ފަންޑް މެނޭޖުކުރުމުގެ ހުއްދަ ދޫކުރުމާއި ބެހޭ އުޞޫލުތައް އެކުލަވާލުންވެސް މި އިޞްލާޙުގައި ހިމެނެއެވެ. މި ފަންޑުތަކަކީ ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ފަންޑުތަކަކަށް ހެދުންކަމަށް އިޞްލާހުގައިވެއެވެ.

އިސްލާމިކް ފައިނޭންސް އަކީ ރާއްޖޭގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ދާއިރާއެއްކަމުން ކެޕިޓަލް މާކެޓްގައި އިސްލާމިކް ސެކިއުރިޓީޒް އިޝޫކުރެވޭނެ މިހާރަށް ވުރެ ހަރުދަނާ އިންތިޒާމްތަކެއް ހަމަޖެއްސުންވެސް ހިމެނެއެވެ.

މިއަދުގެ ޖަލްސާއަށް ވަނީ ސިވިލް ސާރވިސް ޤާނޫނަށްވެސް އިޞްލާޙެއް ހުށައަޅުއްވާފައެވެ. އެ އިޞްލާހުގައި ވަނީ ޕާރމަނަންޓް ސެކްރެޓްރީގެ މަޤާމަށް މީހުން ޢައްޔަން ކުރާނީ އެ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ލަފަޔާއެކު ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. މިހާރު ޤާނޫނުގައި ބުނެފައިވަނީ ޕާރމަނަންޓް ސެކްރެޓަރީން ޢައްޔަން ކުރަނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ.

މިދެބިލްގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.