މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ޒިންމާ ކުޅުންތެރިން ނަގަން ޖެހޭނެ ކަމަށް އެ ޓީމުގެ ޑީފެންޑަރު ހެރީ މެގުއާ ބުނެފިއެވެ.
ޔޫރޮޕާ ލީގުގައި މިދިޔަ ހަފްތާގައި ޕޯޓޯ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު މެންޗެސްޓަރ ޔުނައިޓެޑަށް ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްދިން މެގުއާ ބުނެފައިވަނީ ނަތީޖާ ދަށްވާ ކޮންމެ ފަހަރަކަރު ކުޅެމުންދާ ޓެކްޓިކްސް އާއި ޓީމުގެ އޮފިޝަލުންގެ ބޮލުގައި ޒިންމާ އެޅުވުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ފަރާތުން ރަގަޅު ކުޅުމެއް ފެންނަން ޖެހޭނެ ކަމަށެވެ.
މެގުއާ އިތުރަށް ބުނެފައިވަނީ މިއީ އޭނާ އެ ކްލަބުގައި ހޭދަކުރާ ހަވަނަ ސީޒަން ކަމަށާއި އޭނާއަށް ގިނަ ކަންތައްތަކެއް ފެނިފައިވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ފަރާތުން އެއް ފެންވަރެއްގައި ކުޅުން ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް މެންޗެސްޓަރ ޔުނައިޓެޑް މި ސީޒަނުގައި ކުޅުނު ހަ މެޗު ކުޅެފައިވާއިރު އެ ޓީމު އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގަ އެވެ.
މެންޗެސްޓަރ ޔުނައިޓެޑް މިއަދު އެސްޓަން ވިލާ އާއި ދެކޮޅަށް ނިކުންނައިރު އެ ޓީމުގެ ކޯޗް އެރިކް ޓެންހާގް އަށް ވަނީ ގިނަބައެއްގެ ފާޑު ކިއުންތައް އަމާޒުވެފަ އެވެ. ނަމަވެސް އެ ޓީމުގެ އެއް ހިއްސާދާރު ކަމުގައިވާ ސަރ ޖިން ރެޓްކްލިފް ބުނެފައިވަނީ ޓެންހާގްގެ މުސްތަގުބަލާއިމެދު ގޮތެއް ނިންމުމަކީ އޭނާގެ ކަމެއް ނޫން ކަމަށެވެ.
އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭ ގޮތުން މެގުއާ ބުނެފައިވަނީ މި މެޗަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯމު ބަދަލުކޮށްލަން ރަގަޅު ވަގުތު ކަމަށާއި މި މެޗުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް އިތުރު ހިތްވަރެއް ބޭނުންވާނެ ކަމަށެވެ. އަދި މިދިޔަ ސީޒަނުގައި އެސްޓަން ވިލާގެ ދަނޑުގައި ހޯދި ނަތީޖާއިން ހިތްވަރު ލިބި މި މެޗު ކާމިޔާބުކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އުމުރުން 31 އަހަރުގެ ޑިފެންޑަރު ވަނީ ބުނެފަ އެވެ.