ދީން

އިޙްޔާ ޕްރޮގްރާމް: ދީނީ ގޮތުން ގިނަ ކަންތައްތަކެއް އޮޅުންފިލުވާދޭ


ރަމަޟާން މަހަކީ، ކީރިތި ޤުރުއާނުގެ މައްސަރަށްވުމާއެކު ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވުމަށް ރާއްޖޭގައި ހިންގަވާ އެންމެ ޚާއްޞަ ޕްރޮގްރާމަކީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން ޢާންމު ގޮތެއްގައި އިޙްޔާ ކުރުމުގެ ޖަލްސާތައް ބާއްވަވަނީ ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ހޯމަވިލޭރެއާއި ހުކުރުވިލޭރެއެވެ.

ރަމަޟާމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމް ފަށްޓާވާފައިވަނީ ހިޖުރީ ތާރީޚުން 1400 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހުގެ ރެއެވެ. މީލާދީ ތާރީޚުން ބަލާއިރު މި ޕްރޮގްރާމް ފަށްޓަވާފައި ވަނީ 1980 ވަނަ އަހަރުގެ ޖުލައިމަހުގެ 13 ވަނަ ދުވަހުގެ ރެއެވެ. މިއީ 1437 ވަނަ އަހަރުގެ ރަމަޟާން މަސްކަމަށްވުމާއެކު މިއީ މި ޕްރޮގްރާމް ހިންގަވާ 36 ވަނަ އަހަރެވެ.

ރަމަޟާންމަހުގެ ރޭތައް އިޙުޔާކުރުމުގެ ޕްރޮގްރާމަކީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ފެއްޓެވި ޕްރޮގްރާމެކެވެ. ފުރަތަމަ މި ޕްރޮގްރާމް ހިންގެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މައްސަރުކަމަށްވެފައި، އިސްލާމް ދީނުގެ ހުރިހާ މާތް ޢުސޫލުތަށް ރަމްޒުކޮށްދޭ، އެ އުސޫލަށް ބަޔާންކޮށްދޭ މައްސަރަށްވެފައި، ކީރިތި ޤުރުއާން ކިޔެވުމާއި އަޑުއެހުން އަދި ދީނުގެ އުޞޫލުތަކާ ޙުކުމްތަކާ ބެހޭގޮތުން ކަންކަން އޮޅުންފިލިވައި ދިނުންކަމަށް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.

ފުރަތަމަ އޭރުގެ ރިޔާސީ ގަނޑުވަރު މުލީއާގޭގައި ހިންގެވި މި ޕްރޮގްރާމްގައި މިހާތަނަށް އެންމެ ގިނަ ވައުޡު ވިދާޅުވި ވާޢިޡަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ.

މިޕްރޮގްރާމްގެ ޖަލްސާތައް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަވަން ފެއްޓެވީ 1984 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުއެވެ. އިސްލާމީ މަރުކަޒު ހުޅުއްވައި، ޖެހިގެން އައި 1985 ވަނަ އަހަރު އައި ރަމަޟާންމަހުގައެވެ. އެއަށްފަހު މި ޖަލްސާތައް އިންތިޒާމް ކުރައްވަމުން ގެންދަވާފައި ވަނީ މައުމޫން ޢަބްދުލްޤައްޔޫމްގެ އިރުޝާދުގެ ދަށުން، އެއިރުގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ފަރާތުންނެވެ. އަދި މިހާރު މި ޕްރޮގްރާމް ބާއްވަވަމުން އަންނަނީ އިސްލާމިކް އެފެއަރޒް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުންނެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކު ބޭރުގެ ވާއިޡުންނާއި ޤާރީން ގެންނަވާ ބައިވެރިކުރައްވައެވެ. މިކަމަށް ސަރުކާރުގެ ފަރާތުން އިސްލާމީ ދުނިޔޭގެ އެކި ޤައުމުތަކުގެ މަތީ ފެންވަރުގެ ވާއިޡުންނާއި ޤާރީން ގެންނަވައެވެ. މިފަދަ ދީނީ ވަޢުޡުތައް އަޑުއެހުމުގެ ފުރުޞަތު ކޮންމެ އަހަރަކު ދިވެހިންނަށް ލިބެމުންދެއެވެ.

އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމްތަކުގެ ޖަލްސާތައް ކޮންމެ އަހަރަކުވެސް ވަގުތުން މުޅި ރާއްޖެއަށް ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާ ދައްކަމުންދާތީ ވައުޡު އަޑުއެހުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެގައި ދިރިއުޅޭ ރައްޔިތުންނަށް އޮވެއެވެ. އަދި މި ޕްރޮގްރާމް ހިންގަވާ މާލަމަށް ޙާޟިރުވުމުގެ ފުރުޞަތުވެސް ޢާންމުކޮށް ހުޅުއްވާލައްވާފައި އޮންނާތީ ގިނަ ބަޔަކަށް އެ ފުރުޞަތު އަންނަނީ ލިބެމުންނެވެ.

މިހާ ދިގު މުއްދަތަކަށް މި ޕްރޮގްރާމް ހިންގަވާފައިވާތީ، މިކަމުގެ ނަތީޖާ ވަރަށް އެދެވޭގޮތެއްގައި ފެންނަމުން އާދެއެވެ. ފާއިތުވި 36 އަހަރު ދުވަހުގެ ތެރޭގައި ދީނީ ގޮތުން އުފެދިފައިވާ ހޭލުންތެރިކަމުގެ ވަރަށް ބޮޑު ޙިއްސާއެއް ބިނާވެގެންވަނީ މި ޕްރޮގްރާމްގެ މައްޗަށެވެ.

ރަމަޟަންމަހުގެ ރޭތައް އިޙުޠާކުރުމުގެ ޕްރޮގްރާމްގައި މައުމޫން ޢަބްދުލްޤައްޔޫމް ކުރައްވާފައިވާ ތަޤްރީރްތަކުގެ ތެރެއިން އިސްލާމްދީނުގައި ހިމެނޭ މައިގަނޑު ބައިތައްކަމަށް ޢިލްމުވެރިން ވިދާޅުވާ 15 ތަޤްރީރުތަކަކީ ފާހަގަކޮށްލެވޭ ތަޤްރީރުތަކެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާބެހޭ މަޢުލޫމާތު މުއްސަނދިކުރުމުގައި މި ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެކެވެ. އެހެން އަހަރުތަކާއި މިހާރު ހިންގަވާ އިޙްޔާ ފޯރަމްގައި ކޮންމެ ރެޔަކު ދެ ވާރިޡުން ވައުޡު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޢާންމުންގެ ސުވާލުތަކަށް ވާއިޡުން ޖަވާބު ދެއްވާނެއެވެ. 

އިޙްޔާ ޕްރޮގްރާމަކީ ދީނީ ކަންކަމާމެދު ވާހަކަ ދައްކާ، މާތްވެގެންވާ އިސްލާމްދީނާ މެދު ދިވެހިންގެ ހިތްތަކުގައި ލޯބި އިތުރުކޮށްދޭ ޕްރޮގްރާމެކެވެ.