ޚަބަރު

ޓެގް އަޅުވާފައިވާ ގިނަ މީހުން ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭ


ގޭންގު ކުށްތައް ހުއްޓުވުމުގެ ގޮތުން ފައިގައި ޓެގްއަޅުއްވާ ގިނަ މީހުން ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ، ގޭންގް ކުށްތައް ކޮންޓްރޯލްކުރެއްވުމަށް ޓެގް އެޅުއްވުމުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށެވެ. މިހާތަނަށް މޮނިކޮން އަމުރުގެ ދަށުން 15 މީހެއްގެ ފައިގައި ޓެގް އަޅުވާފައިވާއިރު، ދެމީހަކު ޝަރުތުތަކާ ޚިލާފުވެގެން ބަންދުކުރައްވާފައިވާކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވިއެވެ. 

މޮނިކޮން އަމުރުގެ ދަށުން މި އަމުރު ނެރުއްވައި، ތަންފީޒުކުރައްވާ މީހުންނަށް ވަކި ގަޑިތަކެއްގައި ގެއިން ބޭރަށް ނުކުމެ ނޫޅެވޭނެއެވެ. އަދި ވަކި ސަރަޙައްދުތަކަކަށްވެސް ނުދެވޭނެއެވެ. އަދި އެ މީހާ ހުންނަ ތަނާއި ދާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ޓެގް އަޅުއްވާފައިވާ ކުށްވެރިން މޮނިކޮން އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުންމަތީ ދެމިތިބޭތޯ ބައްލަވައި، ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ފުލުހުން ދަނީ މޮނިޓަރކުރައްވަމުންނެވެ. ޓެގްއަޅުއްވަން ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭގައި ޢަމަލުކުރަން ފަށްޓަވާފައިވާ ޓެރަރިޒަމް މަނާކުރުމާބެހޭ ޤާނޫނުގެ ދަށުންނެވެ.