ޚަބަރު

އިނގިރޭސި އެފްއޭއިން ފޮރެސްޓުގެ ވެރިޔާއަށް އަދަބުދީފި


އިނގިރޭސި ޕްރިމިއަރ ލީގުގައި މިދިޔަ ހަފުތާ ބަންދުގައި ފުލަމާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު، ނޮޓިންހަމް ފޮރެސްޓުގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސްއަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން އަދަބުދީފިއެވެ.

މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ފުލަމް އަތުން 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ބަލިވި މެޗަށްފަހު، ސިޓީ ގްރައުންޑްގެ ޓަނަލް ސަރަހައްދުގައި މަރިނާކިސް ނުރަނގަޅު ގޮތެއްގައި އަމަލުތައް ބަހައްޓާފައިވާކަމަށް އެފްއޭ އިން ނެރުނު ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

މި ފަހަރުގެ ލީގުގައި ފޮރެސްޓުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު ނިމުމަކަށް އައީ އެންމެ ފަހުން ކުޅުނު މެޗުގައި ގިނަ ވަގުތުތަކަކަށް ދިގުދެމިގެންދިޔަ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ޗެކް ބެލުމަށްފަހު، ފުލަމަށް ދިން ޕެނަލްޓީ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ކާމިޔާބުކުރުމާ ގުޅިގެންނެވެ.

އަދި އެ މެޗުގައި ފޮރެސްޓްގެ އެންތަނީ އެލަންގާ އާއި ޓައިވޯ އަވޮނީއީއާ ގުޅުންހުރި ޕެނަލްޓީތައް ދޭންޖެހޭނެ ކަމަށް އެޕީލް ކުރި ނަމަވެސް، ވީއޭއާރް އިން އެ ކުލަބާ ދެކޮޅަށް ނިންމުމުގެ ސަބަބުންނާއި، ފުރަތަމަ ހާފުގައި އެ ޓީމުގެ ފޯވާޑް ކްރިސް ވުޑް ކާމިޔާބުކުރި ލަނޑެއް އޮފްސައިޑް ކަމަށް ނިންމައި، ބަލައިނުގަންނަން ނިންމި ނިންމުމާ ގުޅިގެންވެސް ހިތްހަމަނުޖެހުން އިންތިހާއަށް ވަނީ ބޮޑުވެފައެވެ.

ފޮރެސްޓުގެ ވެރިޔާ މަރިނާކިސްގެ މައްޗަށް އެފްއޭ އިން ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ވަގުތު ދީފައެވެ.