ޚަބަރު

ފަހު ވަގުތު މެގުއާ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑް އެއްވަރުވެއްޖެ


ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގެ ފަހު ވަގުތުގައި ޑިފެންޑަރު ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑާއެކު، 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ޔުނައިޓެޑުން ކުޅުނު މި މެޗުގެ ހަތްވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފައެވެ. މި މެޗުގައި ޔުނައިޓެޑުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 20 ވަނަ މިނިޓުގައ ރަސްމުސް ހޮއިލުންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ ހަތް މިނިޓް ފަހުން ޕޯޓޯގެ ޕެޕޭ ވަނީ ލަނޑެއް ކާމިޔާބުކޮށް، އެ ޓީމަށް އުއްމީދު އައުކޮށްދީފައެވެ.

މި މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ 34 ވަނަ މިނިޓުގައި ސަމޫ އޮމޮރޮޑިއޮން ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވުމުންނެވެ. މި ނަތީޖާ އާއެކު ޕޯޓޯއިން ވަނީ އެ ޓީމުން ކުޅުން ރަނގަޅުކޮށް މެޗު ކޮންޓްރޯލް ކުރަން ފަށާފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސް ވަނަ މިނިޓްގައި ޕޯޓޯގެ އޮމޮރޮޑިއޮން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، މި މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއީ ފެނާންޑޭސްއަށް ޖެހިޖެހިގެން ރަތް ކާޑު ދެއްކި ދެވަނަ މެޗެވެ. އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗުގައި އޭނާއަށް ރަތް ކާޑެއް ދެއްކި ނަމަވެސް، އެ ކާޑު އެޕީލް ކުރުމުން ވަނީ ބަދަލުކޮށްފައެވެ.

ޔުނައިޓެޑުން މި މެޗުގައި ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިފެންޑަރު މެގުއާއެވެ. މިއީ ޔުނައިޓެޑަށް ލިބުނު ކޯނަރެއް، އެރިކްސަން ނަގައިދިނުމުން މެގުއާ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ޔޫރޮޕާ ލީގުގައި މިހާތަނަށް ޔުނައިޓެޑުން ދެ މެޗު ކުޅެފައިވާއިރު، އެ ދެ މެޗުވެސް ވަނީ އެއްވަރުވެފައެވެ.