ޚަބަރު

މާދަމާ ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ


މިއަހަރުގެ ފިތުރު ޒަކާތް، މާދަމާއިން ފެށިގެން ރަމަޟާން މަހުގެ 28 ވަނަ ދުވަހާ ހަމައަށް ބަލައިގަންނަވާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވިދާޅުވެއްޖެއެވެ.

މިއަހަރުވެސް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފަވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ދިރާގާއި އުރީދޫ  މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް އަދި އަމާނާތަކަފުލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. މާލެ ސަރަޙައްދުގައި ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހަނޑުލުންނަމަ 65 ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ 77 ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގުގެ ނިސްބަތުންކަމަށެވެ.

އިސްލާމިކް މިނިސްޓަރގެ ނާއިބު އައްޝައިޚް އިބްރާހީމް އަޙުމަދު ވިދާޅުވީ އެއްވެސް ޖަމްޢިއްޔާ ޖަމާޢަތްތަކަށް ޒަކާތް ނެގުމުގެ ޙުއްދަ ދެއްވާފައި ނުވާނެކަމަށާއި، މިއީ އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތެއްކަމަށެވެ.

މާލޭގައި ޒަކާތް ބަލައިގަންނަވަމުން ގެންދަވާނީ އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. އަތޮޅުތެރޭގައި ޒަކާތް ބަލައިގަންނަވަމުން ގެންދަވާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. ޒަކާތް ނެރޭނީ އެ ބަޔަކު އަހަރުގެ ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކަށް ބަލައިގެންނެވެ.