ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި، ކޯޗް އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން ޗެމްޕިއަންސް ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފެނިގެންދިޔަ ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެލެކްސިސް މެކް އަލިސްޓާ އާއި މުހައްމަދު ސަލާހެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި 12 ވަނަ މިނިޓުގައި ލިވަޕޫލް އިން ވަނީ ބޮލޯނާގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އޭރިޔާ ކައިރިން ސަލާ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށްފަހު ބޮލޯނާގެ ޑަލިންގާ އާއި ލިވަޕޫލްގެ ޑާވިން ނޫނެޒް ޖެހި ދެ ގޯލެއް ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ. އަދި މި މެޗުގެ ފުރަތަމަ ހާފްގައި ބޮލޯނާ އިން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ސަލާ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ސަލާ ކާމިޔާބުކުރި 49 ވަނަ ލަނޑެވެ.
މި މެޗު ކާމިޔާބުކުރުމާއެކު ލިވަޕޫލްގެ ތާރީޚުގައި އެ ޓީމާއި އަލަށް ހަވާލުވި ކޯޗުންގެ ތެރެއިން ފުރަތަމަ ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކުރި ފުރަތަމަ ކޯޗަކަށް ސްލޮޓްވަނީ ވެފައެވެ.
ލިވަޕޫލް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. މި މުބާރާތުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ޖަރުމަނުގެ ލެއިޕްޒިގް އާއި ދެކޮޅަށް މިމަހުގެ 23 ވަނަ ދުވަހު އެވެ.