ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސެލްޓިކް އާއި ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗު 7-1 ގެ ނަތީޖާއަކުން ޑޯޓްމުންޑް އިން ކާމިޔާބުކޮށްފި އެވެ.
ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މި މެޗުން ސެލްޓިކް ބަލިވުމުން އެ ޓީމު ވަނީ މި ސީޒަނުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ނިމުމަކަށް އައިސްފަ އެވެ.
މި މެޗުގައި ޑޯޓްމުންޑް އިން ސެލްޓިކްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 7 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެމްރޭ ކޭން އެވެ. ނަވެސް އޭގެ ދެ މިނިޓް ފަހުން ސެލްޓިކްގެ ޖަޕާން މިޑްފީލްޑަރ ޑައިޒެން މައެޑާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް ދެން ފެނިގެންދިޔައ ޑޯޓްމުންޑްގެ ފަރާތުން ސެލްޓިކްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް އަމާޒުވެގެންދިޔަ ތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފްގައި ކަރީމް އަޑެޔޭމީ ވަނީ ތިން ލަނޑު ޖަހާ ހެޓްރިކެއް ހަދާފަ އެވެ. އޭނާ މި ހެޓްރިކް ހަދާފައިވަނީ އެންމެ 31 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.
އަދި މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ޑޯޓްމުންޑްގެ ސާހޯ ގުރެސީ ވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ސެލްޓިކްގެ އަލިސްޓެއަރ ޖޯންސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ގުރެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި ޑޯޓްމުންޑް އިން ޖެހި ހަތްވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ފެލިކްސް އެންމޭޗާ އެވެ.
މި ނަތީޖާއާއިއެކު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓާއެކު ޑޯޓްމުންޑް ވަނީ ލީގުގެ އެއްވަނައިގައެވެ. ލެވަކޫސަން އާއި ބްރެސްޓް ވެސް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ޕޮއިންޓް ހޯދާފައިވާއިރު ޑޯޓްމަންޑް އަށް އެއްވަނަ ލިބިފައިވަނީ ފައިދާ 9 ގޯލާ އެކުގައެވެ.