ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ ޢާންމުންގެ ތިން މީހުން ޝަހީދު ކޮށްލައިފިއެވެ. ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިމިޝްޤަށް ދިން ވައިގެ ޙަމަލާތަކުގައި އިތުރު ނުވަ މީހުން ޒަޚަމު ކޮށްލިއެވެ.
ސޫރިޔާގެ އަސްކަރިއްޔާއާ ހަވާލާދީ އެ ޤައުމުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އެ ތަނުގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވަޒީފާ އަދާ ކުރާ މުވައްޒަފެއް ހިމެނޭ ކަމުގައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ. އެ ޙަމަލާތަކުގައި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް ސޫރިޔާގެ ދަޢުލަތުގެ މީޑިޔާއިން ރިޕޯޓު ކުރިއެވެ.
ދިމިޝްޤަށް ދިން ޙަމަލާތަކާ މެދު އެއްޗެއް ހާމަ ކުރަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް, ސޫރިޔާގައި ހަރަކާތްތެރިވާ އީރާނާ ގުޅުން އޮތް ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނާއި, އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކޮމާންޑަރުންނާއި އޮފިސަރުންނަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ކުރިން ދީފައިވެއެވެ.
ޔަހޫދީ ފައުޖުން ސޫރިޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފައި މި ވަނީ, ފަލަސްޠީނާއި ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އަދި, ލުބްނާނަށް ބޮން އަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެއަށްފަހު, ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ވަނީ އެއްގަމު މަގުން ލުބްނާނުގެ ދެކުނުގެ ރަށްތަކަށް އަރައި, ލާއިންސާނީ ޖަރީމާތައް ފުޅާ ކޮށްފައެވެ.
ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ވެސް ދަނީ, އެ ދެ ޤައުމުގެ ރައްޔިތުންނަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ހުސްވި ސެޕްޓެންބަރު މަހުގެ ތެރޭގައި އެމެރިކާއިން ސޫރިޔާގެ ދެ ސަރަޙައްދަކަށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި 37 މީހުން މަރައިލާފައިވާއިރު, އޭގެ ތެރޭގައި ހިމެނެނީ ނިރުބަވެރިންގެ ޖަމާޢަތްތަކަށް ނިސްބަތްވާ މީހުން ކަމަށް އެމެރިކާއިން ބުންޏެވެ. މަރައިލާފައިވާ މީހުންގެ ތެރޭގައި ޙުއްރާސް އަލް-ދީން ކިޔާ މީހަކު ހިމެނޭ ކަމަށާއި, އެއީ ނިރުބަވެރިންގެ ޖަމާޢަތް, އައިއެސްގެ އިތުރު އަލް-ޤާޢިދާގެ އިސް ކޮމާންޑަރެއް ކަމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު 1,030އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 95އަށް އަރައެވެ. ޔަހޫދީ ފައުޖުގެ ޢުދުވާންތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 6,300އަށް އުފުލިފައިވާއިރު, ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,615އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ މައުސޫމު ކުޑަކުދިން ހިމެނޭއިރު, ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ. އަދި, ޢުދުވާންތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,359އަށް އުފުލިފައެވެ.