ހުޅަނގުގެ ބާރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން އެކުލަވައިލާފައިވާ ދިފާޢީ އިއްތިޙާދު, ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ނެދަރލެންޑްސްގެ ކުރީގެ ބޮޑުވަޒީރު މާކް ރުތޭ ހަވާލުވެ ވަޑައިގަންނަވައިފިއެވެ. ނޭޓޯގެ ވެރިޔާގެ މަޤާމާ ރުތޭ ހަވާލުވެ ވަޑައިގަންނަވާފައި މި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ހައްސާސް ދަނޑިވަޅެއްގައި, އަދި ނޭޓޯގެ އެންމެ ނުފޫޒު ގަދަ ބާރު ކަމުގައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ.
ފާއިތުވި ދިހަ އަހަރެއްހާ ދުވަހު ނޭޓޯގެ ވެރިޔާގެ މަޤާމު ފުރުއްވާފައި ވަނީ ޔެންސް ސްޓޮލްޓެންބަރގެވެ. އޭނާގެ ވެރިކަމުގައި ފާއިތުވެގެން ދިޔަ އަހަރުތަކަކީ, ނޭޓޯއަށް ނުތަނަވަސް ކަން ބޮޑު އަހަރުތަކެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ފެށި ހަނގުރާމައާ ގުޅިގެން ނޭޓޯއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަ ކުރެވެއެވެ. ނޭޓޯގެ މެންބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ ކަމަށް އެ އިއްތިޙާދުން ޤަބޫލު ކުރެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ނޭޓޯގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި, އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ނިކުންނަ ގޮތަކުން, އެ ޤައުމުން ނޭޓޯއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ, އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ނޭޓޯގެ ސިޔާސަތުތަކާ މެދު ޝައްކު އުފައްދަވަމުން ގެންދަވާ ބޭފުޅަކަށްވުމެވެ. އަދި, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން ބޭނުންފުޅުވާ ބޭފުޅަކަށްވުމެވެ.
14 އަހަރު ނެދަރލެންޑްސްގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވުމަށް ފަހު, އެ މަޤާމުން މި އަހަރު ވަކިވެ ވަޑައިގެންނެވި ރުތޭއަކީ ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. އަދި, ހަނގުރާމަ ކުރިއަށް ގެންދަން ވާގިވެރިވާ ބޭފުޅެކެވެ. ނޭޓޯގެ ކުރިމަގާ މެދު ޓްރަމްޕް ފާޅު ކުރައްވަމުން ގެންދަވާ ޚިޔާލުތަކާ މެދު ވިސްނުމުގެ ބަދަލުގައި, ނޭޓޯގެ ސަލާމަތީ އަދި ދިފާޢީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކަށް އޭނާ ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.
1949ވަނަ އަހަރު ނޭޓޯ އުފެދިގެން ދިޔައީ ކުރީގެ ރޫސީވިލާތުގެ ނުރައްކަލާ ދެކޮޅަށް މަސައްކަތް ކުރާނެ ދިފާޢީ އިއްތިޙާދެއްގެ ގޮތުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު, ނޭޓޯއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބިރު އިތުރުވެފައިވާ ކަމަށް އެ އިއްތިޙާދުން ދެކެއެވެ. ރަޝިޔާއަށް ކާމިޔާބީ ލިބުނަ ނުދިނުމަށް ނޭޓޯއިން ދަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ގިނަ ޢަދަދެއްގެ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޮނުވަމުންނެވެ.
ނޭޓޯއާ އެންމެ ފަހުން ގުޅިފައިވާ ޤައުމުތަކުގެ ތެރޭގައި ސްވިޑެން އަދި ފިންލެންޑު ހިމެނެއެވެ. ޔޫކްރެއިނުން ވެސް އެ އިއްތިޙާދާ ގުޅެން ބޭނުންވެއެވެ. ނޭޓޯގެ ޗާޓަރުގައިވާ ގޮތުން, އެ އިއްތިޙާދުގެ މެންބަރު ޤައުމަކަށް ޙަމަލާ ދިނުމަކީ, އެ އިއްތިޙާދުގެ ހުރިހާ މެންބަރުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރުމާ އެއް ފަދަ އަމަލެކެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ނޭޓޯއިން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކޮށްފައިވެއެވެ. މިގޮތުން, އިރުމަތީގައިވާ އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ގިނަ ޢަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރު ޖަމާކޮށްފައިވެއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ރުތޭ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ކަމަކީ, އެ އިއްތިޙާދުގެ ލަޝްކަރު އިތުރުކޮށް, ބޮޑު ކުރުމަަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި, ހަތިޔާރު އުފެއްދުން އިތުރުކޮށް, ދިފާޢީ ރޭވުންތައް އިތުރަށް ހަރުދަނާ ކުރުން ހިމެނޭ ކަމަށް ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެމެރިކާއަކީ ނޭޓޯގެ އެންމެ ނުފޫޒު ގަދަ މެންބަރު ކަމުގައިވީ ނަމަވެސް, އެ އިއްތިޙާދުގެ ނިންމުންތައް ނިންމުމުގައި އިސް ކުރަނީ ގިނަ ޤައުމުތަކުން އެއްބަސްވާ ގޮތަކަށެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި, ނެދަރލެންޑްސްގައި ގުޅިފައިވާ އިއްތިޙާދެއްގެ ދަށުން ވެރިކަން ކުރައްވާފައިވާ ރުތޭއަކީ ނޭޓޯ ފަދަ ބޮޑު އިއްތިޙާދެއްގެ ވެރިޔާގެ މަޤާމު ފުރުއްވަން އެންމެ އެކަށީގެންވާ އެއް ބޭފުޅެވެ. ނަމަވެސް, ވިލާތުގެ ޤައުމުތަކަށް ފާޑުވިދާޅުވުމުގެ ސިފަތައް ރުތޭ ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.