ޚަބަރު

ވިލިމާލޭގައި އައިލެންޑް ބެވަރޭޖަސްގެ އޮޕަރޭޝަން ސެންޓަރެއް


ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއެކޭ އެއް އަގެއްގައި ފެން ފޯރުކޮށްދިނުމުގެ ގޮތުން އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ ފަރާތުން ވިލިމާލޭގައި އޮޕަރޭޝަން ސެންޓަރެއް ޤާއިމްކޮށްފިއެވެ. މިކަމަށްޓަކައި ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ އައިބީއެމްއިން ކުރައްވަމުން ގެންދާ މަސައްކަތަކީ ރައްޔިތުންނަށް ފައިދާހުރި އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އަދި އައިބީއެމް އިން ފެން ފޯރުކޮށްދޭ ފުޅި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބޭނުން ކުރުމަށް ގޮވާލެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ޕްލާސްޓިކް ފުޅިއަކީ ރާއްޖޭގެ ކަނޑުތަކާއި، ގޮނޑުދޮށް އެންމެ ބޮޑަށް ހަލާކު ކުރާ އެކައްޗެއް ކަމަށްވާތީ ޕްލާސްޓިކް ފުޅި ނައްތާލުމަށް މުހިއްމު ގޮތްތަކެއްގެ ބޭނުން ކުރަންޖެހިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ވިލިމާލޭގައި ޤާއިމް ކުރެވިގެން މިދިޔަ ސެންޓަރުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށާއި ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ފެން ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ވިލިމާލެއަށް ޚާއްސަ ކުރެވިގެން ޑެލިވަރީ ހޮޓްލައިން އެއްވެސް ޤާއިމް ކުރެވިފައިވާ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްގެ އުއްމީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު އެއް އަގެއްގައި ފެން ފޯރުކޮށްދިނުންކަމަށެވެ. އެގޮތުގެ މަތިން ވިލިމާލޭގައި މިއަދު ހުޅުވިގެން މިދިޔަ ސެންޓަރަކީ މި ކަމަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށާއި މި އޮޕަރޭޝަން ސެންޓަރުގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ޔަގީންވެ، ސަރުކާރުގެ ވަޒީފާގެ ސިޔާސަތަށް އެއްބާރުލުން ލިބިގެންދާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.