ޚަބަރު

ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ލުބްނާނާއި ޔަމަނަށް


ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން މެދުކެނޑުމެއް ނެތި ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހު, ޔަމަނަށް ވެސް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އަސްކަރީ ޢުދުވާނެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެއަށް ފަހު, ޔަހޫދީ ފައުޖުން ވަނީ ޔަމަންގެ އަލް-ޙުދަޔިދާއަށް ވެސް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ.

ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިތުރުން ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ޔަހޫދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ފަށާފައިވާ އަސްކަރީ އޮޕަރޭޝަނުގެ ދަށުން ހުސްވި ހަފުތާގައި ޒަޔަނިސްޓު ދަޢުލަތުގެ ރަށްތަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދިނެވެ. ޔަހޫދީ ފައުޖުން ބުނީ ޙުދަޔިދާއަށް ބޮންއަޅާފައި ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. އެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދު ކޮށްލައި, އިތުރު 29 މީހުން ޒަޚަމު ކޮށްލިއެވެ.

ޒަޔަނިސްޓުންގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ސަރަޙައްދުގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ޢުދުވާންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުވެފައިވާއިރު, މުސްލިމުންގެ ދިފާޢުގައި އީރާނުން ހަމަނުޖެހުންތަކުގައި ތަދައްޚުލްވުމުގެ ފުރުޞަތު ވެސް ވަނީ ބޮޑުވެފައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 6,000އަށްވުރެ އިތުރުވެފައެވެ. ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން ލުބްނާނުން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އަރައެވެ.

ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި 24ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުގައި 105 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރެއިން 32 މީހުން ޝަހީދު ކޮށްލާފައި ވަނީ ލުބްނާންގެ ދެކުނުގައި އޮތް ޢައިން ދޮލްބުންނެވެ. އަދި, އިރުއުތުރުގައި އޮތް ބަޢަލަބަކް-އަލް-ހިރްމުލުން އިތުރު 33 މީޙުން ޝަހީދު ކޮށްލާފައިވާ ކަމަށާއި, ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 14 މީހުން ޝަހީދު ކޮށްލާފައިވާ ކަން އެ ވުޒާރާއިން ހާމަކުރިއެވެ.

ސެޕްޓެންބަރު 28ވަނަ ދުވަހު ޔަހޫދީ ފައުޖުން ބައިރޫތަށް ދިން ފަނާކުރަނިވި ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, އެ ޖަމާޢަތުގެ އިސް ކޮމާންޑަރުން ހިމެނެއެވެ. އަދި, އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ އިސް ކޮމާންޑަރެއްގެ ވެސް ހިމެނެއެވެ. ބައިރޫތުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ނަޞްރުاللهގެ ހަށިގަނޑު ފެނިފައިވާއިރު, އޭނާގެ ޖަނާޒާ ބާއްވާނެ ތާރީޚު ޙިޒްބުاللهން އިޢުލާނު ކޮށްފައެއް ނެތެވެ.

ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދުލުވުމެއް ބޭއްވުމަށް އީރާނުން ވަނީ ހުށަހަޅާފައެވެ. އަދި, ނަޞްރުاللهއާާއި އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދިނެވެ.

ޔަހޫދީންނާއި ޙިޒްބުاللهގެ މުޖާހިދުންގެ މެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލައި, ސުލްޙައިގެ މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ގޮވައިލައްވާފައެވެ. މެދުއިރުމަތީގައި ނުރައްކާތެރި އަދި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ ބައިޑަން ވަނީ މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ޢަދަދު އިތުރު ކުރަން އަމުރު ކުރައްވާފައެވެ. ނަޞްރުالله ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކޮށްފައި ވަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ 900 ކިލޯގެ ގައިޑެޑް ބޮމެއް ކަން, އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ސެނެޓަރެއް ކަމުގައިވާ މާކް ކެލީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާއި ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ލުބްނާންގައި ގެދޮރު ނެތި, ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ޤައުމުން ހާމަކުރިއެވެ. އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ވަނީ ފަށާފައެވެ. ސަޢޫދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތުން ވެސް ވަނީ ލުބްނާނަށް އިންސާނީ އެހީ ފޮނުވަން ފަށާފައެވެ.