ތިމާވެށި

ރާއްޖޭގެ ބަޔޯޑައިވާސިޓީ ސްޓްރެޓޭޖީ އަދި އެކްޝަން ޕްލޭން ނެރެފި


މާލޭގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ކުނި ބަހައްޓާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ބަޔޯޑައިވާސިޓީ ސްޓްރެޓޭޖީ އަދި އެކްޝަން ޕްލޭން ނެރެދެއްވުމަށް މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. "ނޭޝަނަލް ބަޔޯޑައިވާރސިޓީ އެކްޝަން ޕްލޭނަކީ ދުނިޔޭގެ ދިރޭތަކެއްޗާބެހޭ މުޢާހަދާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީ"ގެ ދަށުން މި މުއާހަދާގައި ބައިވެރިވާ ކޮންމެ ޤައުމަކުވެސް ދިރޭ ތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށްޓަކާ އެކުލަވާލަންޖެހޭ އެކްޝަން ޕްލޭނެކެވެ. މިގޮތުން މިއީ ރާއްޖެއިން އެކުލަވާލި މިފަދަ ދެވަނަ ޕްލޭނެވެ.

ރާއްޖެއިން އެކުލަވާލި ފުރަތަމަ ޕްލޭންގައި ހުރީ ހަމައެކަނި ސްޓްރެޓެޖީތަކެއް ނަމަވެސް  މިއަހަރުން ފެށިގެން 2025 ވަނަ އަހަރާއި ހަމައަށް އެކުލަވާ މިއަދު އިފްޠިތާހްކުރި  ޕްލޭންގައި  ސްޓްރެޓޭޖީތަކާއި އެކްޝަން ޕްލޭންތަކާއި އަދި ޕްލޭންތައް ހިންގާނެ ގޮތުގެ މައިކްރޯ ޑީޓެއިލްތައްވެސް ހިމެނޭކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މި ޕްލޭން ނެރެދެއްވާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ލެވެލްގައި ދިރޭތަކެތީގެ މާހައުލެއް އޮތްތަނެއްކަމަށެވެ. އެހެންކަމުން އެތަކެތި ހިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ތިމާވެށި ހިމާޔަތްކުރުމާއި، ރައްކާތެރިގޮތުގައި ކުނިމެނޭޖްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިހާރަކަށް އައިސް މާލެތެރޭގައި މަގުމަތީގައި ކުނި ބަހައްޓަމުންދާތީ އެކަން އެގޮތަށް ނުކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި އެފަދަ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރުވެސް މިނިސްޓަރ ދެއްވިއެވެ.