ތިމާވެށި

ދިރޭތަކެތީގެ ކަޅު ބާޒާރު ނައްތާލުމަށް އިތުރު ޤާނޫނުތަކެއް ބޭނުން


ދިރޭތަކެތީގެ ކަޅު ބާޒާރު ނައްތާލުމަށް އެކަމާއި ދެކޮޅަށް ހަރުކަށި ޤާނޫނުތަކަކާއި ޤަވާއިދުތަކެއް ހަދަންޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބްގައެވެ.

ތިމާވެށީގެ ދުވަހާއި ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްވި ޚިތާބްގައި އެމަނިކުފާނުވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިޢާރުކަމަށްވާ "ޒީރޯ ޓޮލެރެންސް ފޯ ދަ އިލީގަލް ވައިލްޑްލައިފް ޓްރޭޑް" ނުވަތަ ދިރޭތަކެތީގެ ވަގު ވިޔަފާރިއަށް އެއްވެސް ޖާގައެއް ނުދިނުން މި ޝިޔާރުގެ މައްޗަށް އަލިއަޅުއްވަލައްވައި، ދިރޭތަކެތީގެ ވަގު ވިޔަފާރީގެ ނުރައްކާތެރިކަން ބަޔާންކޮށްދީ އެކަމަށް ސަމާލުވާންޖެހިފައިވާކަން ބާޔާންކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14587084914588.jpg|ރާއްޖޭގެ ކަނޑު އަޑީގެ މަންޒަރެއް / ފޮޓޯ: ޔޫޓިއުބް ފައިލް

އެގޮތުން ދިރޭތަކެތީގެ ވަގު ވިޔަފާރިއަކީ އޭގެ ސަބަބުން އިޤްތިޞާދީ އަދި އިޖްތިމާޢީ ބޮޑެތި ގެއްލުންތައް ލިބިދޭ ނުރައްކާތެރި ކަމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް ދިރުމެއް ނެތިގެން ދިޔުމަކީ ނުވަތަ އެތަކެތީގެ މާޙައުލަށް ލިބޭ ކޮންމެ ގެއްލުމަކީ އޭގެ ނޭދެވޭ އަސަރު އިންސާނުންނަށް ކުރާނެ ކަމެއްކަން ފާހަގަކުރައްވާ، ސިނާޢީ ނަޒަރަކުން ބެލިކަމުގައި ވިޔަސް ދިރޭތަކެތީގެ ނަސްލުތަކަށް ދެވޭ ކޮންމެ ގެއްލުމަކީ އިންސާނުންގެ އަމިއްލަ ނަފްސަށް ދެވޭ ގެންލުމެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ދިރޭތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް ދިވެހި ރާއްޖެއިންވެސް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރވަނީ މި ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރެއްވުމަށް އިތުރު ޤާނޫނުތަކަކާއި ޤަވާއިދުތަކެއްގެ ބޭނުންޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދިރޭތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް މަސައްކަތްކުރާނެ ފަންނީ މީހުން ބިނާކޮށް އިންސާނީ ވަސީލަތް އިތުރުކުރަން ޖެހިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މާލީ ގޮތުންނާއި އަމަލީ ގޮތުން މިމަސައްކަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކޮށްގެން ނޫނީ މިޖަރީމާ ނުހުއްޓުވޭނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

img:http://s2.psmnews.mv/images/660x400/14637447315769.jpg|ވެލާ ކަހަނބު އާލާކުރުމަށް ރާއްޖޭގެ ރިސޯޓަކުން ހިންގި ޕްރޮގްރާމެއްގައި އާލާކޮށްފައިވާ ވެލައެއް - ފައިލް ފޮޓޯ: ޕީއެސްއެމް

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ވެލާ ކަހަނބާއި، މިޔަރުގެ ބާވަތްތަކާއި، މުރަކަތަކާއި، ކަނޑުގެ އެހެނިހެން ދިރުންތަކަކީ މިރާއްޖޭގެ އެންމެ ބޮޑު ސިނާޢީ ރައުސުލްމާލުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ދިރޭތަކެތީގެ ވަގު ވިޔަފާރި ނައްތާލުމަށް އެކުގައި މަސައްކަތްކޮށް، ހިންގުންތެރިކަން ހަރުދަނާކުރުމަކީ އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ޚާއްޞަ އަހައްމިއްޔަތެއް ދޭންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ، ދިރޭތަކެތީގެ ވަގު ވިޔަފާރީގެ ވިއުގަ ނައްތާލެވޭނީ އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުޅުން ހަރުދަނާކޮށްގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތަންފީޒީ އިދާރާތަކާއި، ސަރުކާރާއި، މިނިވަން މުއައްސަސާތަކާއި، އަމިއްލަ ޖަމާޢަތްތަކާއި މަދަނީ ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދޭދޭ ޤައުމުތަކުގެ މެދުގައްޔާއި ދޭދޭ ފަރުދުންގެ މެދުގައިވެސް އެކަށޭނަ ނަތީޖާ ނެރެވޭނީ އެންމެން އަތުގުޅާލައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.