ސްޕެނިޝް ލަލީގާގައި މިރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ރެއާލް މެޑްރިޑް ނިކުންނައިރު ބޭނުންވަނީ މިދިޔަ ސީޒަނުގައި އެ ޓީމު އަތުން ވީ ބަލި މަތިން ހަނދާން ނައްތާލަން ކަމަށް ރެއާލްގެ ކޯޗް ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވާ ހަމައެކަނި ދެ މެޗަކީ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު ދެ މެޗެވެ. އެހެންކަމުން އެ ނަތީޖާ މަތިން ހަނދާން ނައްތާލާ މި ފަހަރު އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވާން ބޭނުންވާ ކަމަށްވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އެތްލެޓިކޯ އަތުން ދެ މެޗުން ބަލިވެފައިވީ ނަމަވެސް އެޓީމު ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ކޯޕާ ޑެލްރޭއީ އިން ކަޓާފައިވަނީ އެތްލެޓިކޯ އަތުން ދެވަނަ ބުރުގައި ބަލިވުމުގެ ސަބަބުންނެވެ.
އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗަށް ނިކުންނައިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރ 29 ގައި އެތްލެޓިކޯ މެޑްރިޑް އަތުން 3-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވި ފަހުން އަދި މިހާތަނަށް އެ ޓީމު ބަލިވެފައެއް ނުވެއެވެ.
އަންޗެލޮޓީ ބުނެފައިވަނީ މިރޭގެ މެޗަށް ނިކުންނައިރު މިދިޔަ ސީޒަނާއި އަޅާބަލާއިރު, އެތްލެޓިކޯ މެޑްރިޑް އިތުރަށް ވަރުގަދަ ވެފައިވާ ކަމަށާއި އެހެންކަމުން މި މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
އަދި މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ތިން ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކިލިއަން އެމްބާޕޭ ނެތްތަން ފޫބެއްދޭނެ ތޯ ސުވާލު ކުރުމުން އަންޗެލޮޓީ ބުނެފައިވަނީ އެއީ އެ ކްލަބަށް އާ ކަމެއް ނޫން ކަމަށާއި އެމްބާޕޭ ނެތި ކުޅުމަކީ އެ ޓީމަށް އާކަމެއް ނޫން ކަމަށެވެ.
މި މެޗަށް ނިކުންނައިރު އެތްލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއެގޯ ސިމިއޯނީ ބުނެފައިވަނީ ފާއިތުވެދިޔަ މެޗުތަކުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް އެ ޓީމުން ހޯދާފައިވާ ނަތީޖާތަކުން ހިތްވަރު ލިބި މިރޭގެ މެޗުގައިވެސް ރަގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އަދި އޭނާ ވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެކަމުގެ އަސަރު ކުޅުންތެރިންނަށް ކޮށްފައިވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ހާމަކޮށްފަ އެވެ.