ޚަބަރު

މާޓިނޭޒްގެ ދެ ލަނޑާއެކު އުދިނޭޒީ އަތުން އިންޓަރ މިލާނަށް މޮޅެއް


އިޓާލިއަން ލީގުގައި ރޭ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް ކާމިޔާބުކުރި ދެ ލަނޑާއެކު 2-3 ގެ ނަތީޖާއަކުން އުދިނޭޒީ ބަލިކޮށް، މޮޅުނުވުމުގެ ސިލްސިލާއަށް އިންޓަރ މިލާނުން ނިމުން ގެނެސްފިއެވެ.

މިއީ ހުރިހާ މުބާރާތެއްގައި އިންޓަ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން، ދެ މެޗުން އެއްވަރުވިއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ. އެ ޓީމު އެންމެ ފަހުން މެޗަކުން މޮޅުވީ މިދިޔަ އޮގަސްޓް މަހުގައި އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 0-4 އިންނެވެ. އިންޓަ އެންމެ ފަހުން ލީގުގައި ވާދަވެރި އޭސީ މިލާނާ ދެކޮޅަށް ކުޅުނު 'މިލާން ޑާބީ' ގައި ނާކާމިޔާބުވީ 1-2 އިންނެވެ.

އުދިނޭޒީގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި އިންޓަ އަށް ލީޑްނަގައިދިނީ އިޓަލީގެ މިޑްފީލްޑަރު، ޑެވިޑޭ ފްރަޓޭސީ އެވެ. މެޗު ފެށިތާ 43 ވަރަކަށް ސިކުންތުގެ ތެރޭގައި ފްރަޓޭސީ މި ލަނޑުޖަހައިދިނީ އެ ޓީމުގެ އިޓަލީ ވިންގްބެކް، މަޓެއޯ ޑާމިއަން ނަގައިދިން ހުރަހެއްގެ އެހީގައެވެ.

އޭގެފަހުން، އުދިނޭޒީ އިން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން ސަންޑީ ލޮވްރިޗް ފޮނުވާލި ބޯޅަ އިންޓަގެ ކުޅުންތެރިން ވަނީ ސަލާމަތްކޮށްފައެވެ. އުދިނޭޒީ އަށް އެއްވަރުކޮށްދިނީ ޑިފެންޑަރު، ކްރިސްޓިއަން ކަބަސޭލޭ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ކަބަސޭލޭ ބޮލުން ފޮނުވާލި މި ބޯޅަ ގޯލްގެތެރެއަށް ވަނީ އިންޓަގެ ކީޕަރު، ޔަން ސޮމާގެ ކުރިމަތިން ގޮހެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އިންޓަ އަލުން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން، މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ފުރަތަމަ ގޯލެވެ. މިދިޔަ ސީޒަނުގައި ޖެހި 24 ލަނޑާއެކު އިޓާލިއަން ލީގުގެ ރަން ބޫޓް ހާސިލްކުރި މާޓިނޭޒް އެންމެ ފަހުން ލީގުގައި ގޯލެއް ޖެހީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ފްރޮސިނޯނޭ ކޮޅަށެވެ. އޭގެފަހުން، އޭނާ ވަނީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި ހިމެނި، އެ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓް ވެސް ހާސިލްކޮށްފައެވެ.

އިންޓަގެ ތިންވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް މާޓިނޭޒް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ފްރާންސް ފޯވާޑް، މާކަސް ތުރާމް ދިން ހިތްގައިމު ޕާހަކުންނެވެ.

އުދިނޭޒީ އިން ޖެހި ދެވަނަ ލަނޑު، 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޮރެންޒޯ ލުކާ އެވެ. އޭގެފަހުން، އިންޓަގެ ލީޑް ފުޅާކޮށްދޭން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާޖެންޓީނާގެ ފޯވާޑް، ވަކީން ކޮރެއާ ފޮނުވާލި ބޯޅަ އުދިނޭޒީގެ ކީޕަރު، މަޑޫކާ އޮކޯޔޭ ވަނީ މަތަކޮށްފައެވެ.

މި މެޗުން ހޯދީ މޮޅާއެކު އިންޓަ ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ޔުވެންޓަސްއާ ޕޮއިންޓަކާ ގާތަށް ޖެހިލައިފައެވެ. ޔުވެންޓަސް އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ދެވަނައިގައި ހެޑް-ޓު-ހެޑް ރެކޯޑުން ކުރީގައި އޮތީ ޓޮރީނޯ އެވެ. ތިނެއްގައި އޮތް މިލާނާއި، ހަތަރެއްގައި އޮތް އިންޓަ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ.

އިންޓަ އަށް ދެން އެންމެ އަވަހަށް އޮތީ އަންނަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސާބިއާގެ ރެޑް ސްޓާރ ބެލްގްރޭޑްއާ ބައްދަލުކުރާ މެޗެވެ. އެއަށްފަހު، އަންނަ ހޮނިހިރު ދުވަހު އެ ޓީމުން ނިކުންނާނީ ޓޮރީނޯއާ ދެކޮޅަށެވެ.