ތިމާވެށި

މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް


މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ.

މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ހަރާކާތްތައް ރާއްޖޭގައި ވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދަވަން ފައްޓަވާފައެވެ.

ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމެއްކަމުން މޫސުމަށް އަންނަ ބަދަލުތައްފަދަ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ގެއްލުން އެންމެބޮޑަށް އިޙްސާސް ކުރަންޖެހޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެހެންކަމުން މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ރާއްޖެއިން ދަނީ ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި ވަކާލާތުކުރަމުންނެވެ. މިގޮތުން މިހާރު ރާއްޖެއަކީ ކުދިޖަޒީރާ ޤައުމުތަކުގެ ޖަމާޢަތުގެ ޗެއާކަންވެސް ކުރަމުންދާ ޤައުމަށްވާއިރު މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެންމެ އަޑުހަރުކޮށް ވަކާލާތު ކުރަމުންދާ ޤައުމަކީވެސް ރާއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް މިހާރުވެސް އެތައްގޮތަކުން އޭގެ ނޭދެވޭ އަސަރުތައް ފޯރަމުންދެއެވެ. މިގޮތުން ރަށްގިރުމުގެ މައްސަލައާ ހޫނު މޫސުން ދިގުލައިގެން ގޮސް ފެނަށް ޖެހުމުގެ މައްސަލަ ފާހަގަކޮށްލެވެއެވެ.

img:http://s3.psmnews.mv/images/660x400/14651144403558.jpg|

ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެތައް މަޝްރޫއެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާއިރު، ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށްޓަކާ ސަރުކާރުން މިހާރުވަނީ މި ފަސްއަހަރު ނިމެންވާއިރަށް ރާއްޖޭގެ ރަށްރަށުގައި ދުވާލުގަޑީގައި ފޯރުކޮށްދޭ ކަރަންޓްގެ 30 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން ދެވޭ ކަރަންޓްކަމުގައި ހެއްދެވުމުގެ އަމާޒެއް ކަނޑައަޅުއްވާފައެވެ. މިއަމާޒަށް ވާޞިލްވުމަށްޓަކާ މާލެއާ ރަށްރަށުގައި ސޯލާޕެނަލް ހަރުކުރުމުގެ އެތައް މަޝްރޫއެއް މިހާރުވެސް ސަރުކާރުން ދަނީ ހިންގަވަމުންނެވެ. މިގޮތުން 2013 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ޤާއިމުކުރެވިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ދެ މަގަވޮޓް ނަމަވެސް މިހާރު އެއަދަދު ދެގުނަ ކުރެވި، މިއަހަރު ނިމެންވާރަށް އިޔާދަކުރަނިވި ހަކަތައިގެން 10 މެގަވޮޓަށް އިތުރުކުރެވިގެންދާނެކަން އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރައްވައެވެ.

ހޫނުމޫސުމުގައި ފެނަށްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ރަށްރަށަށް ފެންފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު މިހާރުވެސް ގިނަ ރަށްތަކެއްގައި ފެނުގެ ނިޒާމް ޤާއިމުކުރެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ރަސްމީ ޙަރަކާތްތައް ރާއްޖޭގައި ވަނީ މިމަހުގެ ތިންވަނަ ދުވަހު ރަސްފަންނުގައިވަނީ ފަށާފައެވެ. މިހަރާކްތަތައް ފެއްޓެވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ވަނީ ރާއްޖޭގައި ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަކުރައްވާފައެވެ.

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ދައުލަތުގެ މިނިވަން މުއައްސަސާތަކުން ގުޅިވަޑައިގެން ފައްޓަވާފައިވާ އިޖްތިމާޢީ ހަރަކާތް، "އާރޯ" ކެންޕެއިންގެ ދަށުން ހުޅުމާލޭގައި ގަސްއިންދުމުގެ ހަރަކާތެއް  މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ކުރިޔަށް ގެންދަވާފައެވެ. މިނިވަން މުއައްސަސާތަކުގެ މުއައްޒަފުންގެ ތެރެއިން 1200 އެއްހާ މުއައްޒަފުން ބައިވެރިވި މިހަރަކާތުގައި ހާހަކަށްވުރެ ގަސް އިންދާފައިވެއެވެ. މިހަރަކާތް އިފްތިޠާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން  މިނިސްޓަރ ޠާރިޤްވަނީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ހުރިހާ ފަރާތްތަކުން އެކަމަށް  މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ތިމާވެށީގެ ދުވަހުގެ ހިންގާ ހަރަކާތްތަކުގެ އެންމެ ބޮޑު މަޤްޞަދަކީ އެންމެ ބޮޑު މަޤްޞަދަކީ ތިމާވެއްޓާއި ގުޅޭގޮތުން ރާއްޖޭގައި އަޅާނުލެވި ދޫކޮށްލެވިފައި ހުރި ކަންކަން އާންމުންގެ ސަމާލުކަމަށް ގެންނެވުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.