ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައިވާ ކަން އިޢުލާން ކުރުމަށް ފަހު ނިރުބަވެރި ޔަހޫދީ ފައުޖު ކުއްލި ޙާލަތަކަށް އަތުވެއްޖެއެވެ. ޔަހޫދީ ފައުޖުން ބުނީ ހުކުރު ދުވަހު ބައިރޫތަށް ޢަމާޒުކޮށް ދިން ޙަމަލާތަކުގައި ނަޞްރުالله ޝަހީދުވެފައިވާ ކަމަށެވެ. ނަމަވެސް ޙިޒްބުاللهން އެ ކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާއިން ފޯރުކޮށްދީފައިވާ ނުރައްކާތެރި ބޮންތައް ބޭނުންކޮށްގެން ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާ ދެމުންދާ ދަނޑިވަޅެއްގައި ޔަހޫދީ ފައުޖުން ބުނެފައި ވަނީ ހަނގުރާމަ އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރީ ޙާލަތުގައި ތިބި ކަމަށެވެ. އަދި ރިސާވް ތިން ލަޝްކަރު ޔަހޫދީ ފައުޖުގެ ސެންޓްރަލް ކޮމާންޑާ ގުޅިފައިވާ ކަން ޔަހޫދީ ފައުޖުން ވަނީ ބުނެފައެވެ.
ޔަހޫދީ ފައުޖުން ބުނީ, ނަޞްރުالله ޝަހީދު ކޮށްލަން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒަށް ކަމުގައެވެ. އަދި, އެ މަރުކަޒު ހުންނަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކެއްގެ ތެރޭގައި ކަމުގައެވެ. ހުސްވި ހަފުތާގައި ވެސް ޔަހޫދީ ފައުޖުން ޟާޙިޔާއަށް ހަތަރު ފަހަރަކު ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރިއެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ ތިން ކޮމާންޑަރަކު ޝަހީދު ކޮށްލިއެވެ.
ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު 2006ވަނަ އަހަރުގެ ތެރޭގައި ކުރި ގެއްލުން ބޮޑު ހަނގުރާމައިގައި ވެސް ނަޞްރުالله ޝަހީދު ކޮށްލިކަން ޔަހޫދީ ފައުޖުން އިޢުލާނު ކުރިއެވެ. ނަމަވެސް އެ ފަހަރު ނަޞްރުالله ވަނީ ޓީވީ މެދުވެރިކޮށް އޭނާގެ ޙާލު ރަނގަޅު ކަން ހާމަކޮށްދެއްވައި ޔަހޫދީންގެ ދޮގުތައް ބޭޒާރުކޮށްލައިފައެވެ.
ޔަހޫދީން ގޮތް ހުސްވެގެން ދެމުންދާ ޙަމަލާތައް ނުރައްކާތެރިވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަކޮށްފައެވެ. އީރާނަކީ ޔަހޫދީ ފައުޖާ ހަނގުރާމަ ކުރަމުންދާ ޙިޒްބުاللهގެ އިތުރުން ފަލަސްޠީނުގެ ޙަމާސް ޖަމާޢަތާއި ޔަމަނުގެ ޚޫޘީ ޖަމާޢަތުގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި ޔަހޫދީ ފައުޖުން ދާދި ފަހުން ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލާފައި ވަނީ ވެސް އީރާނުގެ ވެރިރަށް ތަހްރާނުގައި ހުންނަވަނިކޮށެވެ.