މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީއަށް ލިބިފައިވާ އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާއަށް ދެން ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގަޑިއޯލާ ބުނެފިއެވެ.
ރޮޑްރީގެ ފައިގެ ސަރޖަރީ އެއް ވަނީ އިއްޔެ އޭނާގެ އުފަން ގައުމު ކަމުގައިވާ ސްޕެއިންގައި ކޮށްފަ އެވެ.
ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ރޮޑްރީ ވަނީ ނިމިދިޔަ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި ޔޫއެފާ ސުޕަރ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ސިޓީން ހޯދި ޓީމުގައިވެސް ރޮޑްރީ ވަނީ ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
ފަސް ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރުމަށް ސިޓީން މަސައްކަތް ކުރާއިރު, މިއީ ސިޓީއަށް ކުރިމަތިވާނެ މައްސަލައެއްގެ ގޮތުގައި ގަޑިއޯލާ ވަނީ އެކި ފަހަރުމަތިން ބުނެފަ އެވެ. އަދި އޭނާ ނެތްތަން ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފައެވެ.
ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި އާސެނަލް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުގައި ރޮޑްރީއަށް އަނިޔާވެ އޭނާ ވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބަދަލުކޮށްފަ އެވެ. 2-2 ގެ ނަތީޖާއަކުން ސިޓީ އާއި އާސެނަލް އެއްވަރުވެފައިވާ މި މެޗުގައި ރޮޑްރީއަށް އަނިޔާވެފައިވަނީ އާސެނަލްގެ ތޯމަސް ޕާޓޭ އަތުންނެވެ.
މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ރޮޑްރީ ވަނީ ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
2019ވަނަ އަހަރު އެތްލެޓިކޯ މެޑްރިޑްއިން މެންޗެސްޓަރ ސިޓީ އާއި ގުޅުނު ރޮޑްރީ ބުނެފައިވަނީ މި އަހަރުގެ ބެލޮންޑިއޯ އެވޯޑް އޭނާއަށް ލިބުމަކީ ހުވަފެނެއް ފެނުން ކަހަލަ ކަމެއް ކަމަށެވެ.