ޚަބަރު

ރާއްޖެއަށް ނުފޫޒު ފޯރުވަން ބާރުތަކުން މަސައްކަތްކުރާނެ، އެކަމަށް މިތިބީ ސަމާލުވެގެން: ރައީސް


  • ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގައި ތަޤުރީރުކުރައްވަމުން

ރާއްޖެ އޮތް ސްޓްރެޓީޖިކް ސަރަހައްދުގެ ގޮތުން ރާއްޖެއަށް ނުފޫޒު ފޯރުވަން ބާރުތަކުން މަސައްކަތްކުރާނެކަމަށާއި، އަދި އެކަމަށް ރާއްޖެއިން އޮތީ ފުރިހަމައަށް ސަމާލުވެގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގައި ތަޤުރީރުކުރައްވަމުންނެވެ.

އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ޝަރަފުވެރި އާތަރ ލުއިސް އޯޑިޓޯރިއަމްގައި ދެއްވި ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވިދާޅުވީ ރާއްޖެއިން އދގެ މެމްބަރަކަށްވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 56 ދުވަސްތެރޭގައިކަމަށެވެ. އަދި ރާއްޖެއަށް މިނިވަންކަން ލިބުނުތާ 3 މަސްދުވަސްފަހުން 1965 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައި ރާއްޖެއަށް ސަފީރެއް ކަނޑައަޅުއްވަން އެމެރިކާގެ އޭރުގެ ރައީސް ލިންޑަން ޖޯންސަން ނިންމެވި ނިންމެވުމަކީ ރާއްޖެފަދަ ޅަ ޤައުމަކަށް އޭރު ވަަރަށް މުހިއްމު ނިންމެވުމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ އެންމެ އެންމެ ބޮޑު އެއް ބާރާއި އެންމެ ކުޑަ ޤައުމާދެމެދު ގުޅުމެއް މުހިއްމު ވަނީ ކީއްވެތޯ ބައެއް މީހުން ސުވާލު އުފައްދާނެކަމަށެވެ.

"އޭގެ ޖަވާބު އޮތީ އިންޑިއާގެ ކަނޑުގެ ބަދަލުވަމުންދާ އޮއިވަރާއި ގުޅިފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދަކީ ބައިނަލްއަޤްވާމީ ވިޔަފާރީގައި މުހިއްްމު ދައުރެއް އަދާކުރާ ސަރަހައްދެއްކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ބަލްކް ކާގޯގެ 3 ބައި ކުޅަ އެއްބަޔާއި، ދުނިޔެއަށް ބޭނުންވާ ތެލުގެ ދެބައި ކުޅަ އެއްބައި އެކި ތަންތަނަށް ފޯރުކޮށްދެނީ އިންޑިއާ ކަނޑު ހުރަސްކޮށްކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޑިއާގެ ކަނޑަކީ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ސަލާމަތަށް މުހިއްމު ސަރަހައްދަކަށްވާއިރު، އެ ކަނޑުގެ މެދުގައި އޮތީ ރާއްޖެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ގިނަ ބަޔަކު ދަތުރުކުރާ މަގަކީ ރާއްޖެ ސަރަހައްދު ނުވަތަ ރާއްޖެ ކައިރި ސަރަހައްދުތައްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިއާ ކަނޑުގައި ބާރުގަދަކުރަން ބޭނުންވާ ބަޔަކު ނުފޫޒު ފޯރުވަން އެންމެ ބޮޑަށް އަޅައިގަންނަނީ ރާއްޖެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން އޮތީ އެކަމަށް ފުރިހަމައަށް ސަމާލުވެގެންކަމަށާއި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކުރުމަކީ އެންމެ މުހިއްމު ރިޔާސީ ވަޢުދަށް ހެއްދެވީވެސް އެ ސަބަބުތަކާއި ހުރެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ރާއްޖެއަކީ ޑިމޮކްރަސީގެ ޅަފަތުގައި އޮތް ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަންވެސް ހާމަކުރައްވާފައެވެ. އަދި ރާއްޖެއަކީ ހަރުދަނާ ޑިމޮކްރަސީއެއް އޮތް ޤައުމަކަށްވުމަކީ އެމެރިކާއާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށްވެސް މުހިއްމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕްރިންސްޓަން ޔުނިވަރސިޓީގައި ތަޤުރީރުކުރެއްވީ، އެ ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް ސެންފޯޑް، ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ ޖަމާލްގެ ދަޢުވަތަކަށެވެ. މި ހަރަކާތަކީ "ޑީންސް ލީޑަރޝިޕް ސީރީޒް" ގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ތަޤުރީރަށްފަހު ދަރިވަރުންނާއި މުދައްރިސުންނާއެކު 'ފަޔަރސައިޑް ޗެޓް' އަކާއި ސުވާލާއި ޖަވާބު ސެޝަނެއްވެސް ކުރިއަށްގެންދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާ ޕްރިންސްޓަން ޔުނިވަރސިޓީއަށް ކުރެއްވި ޒިޔާރަތަކީ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގައި ހިމެނޭ ކަމެކެވެ.