ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެ: މިފްކޯ


  • މިހާތަނަށް 17 މިލިއަން ރުފިޔާ ނުދެއްކި އެބަހުރި

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް ދައްކާ ޚަލާސްކުރެވޭނެކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ވިދާޅުވީ މިމަހުގެ ކުރީ ކޮޅުން ފެށިގެން މަސްވެރިންނަށް ނުދެވި ހުރި ފައިސާއާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި މާލީ ވުޒާރާ އަދި މިފްކޯ ގުޅިގެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި މިވަގުތަށް ހައްލު ހޯދިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން ކެނޑިނޭޅި މިފްކޯއަށް ދޭންޖެހޭ އެއްބާރުލުން ލިބެމުން އަންނަކަން ފާހަގަކުރަމުން މިފްކޯއިން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިހާތަނަށް ނުދެއްކި ހުރި ފައިސާ އަންނަ ހަފުތާގެ ނިޔަލަށް އެއްކޮށް ދައްކައި ޚަލާސްކުރުން ކަމަށެވެ.

މިފްކޯއިން މައުލޫމާތުދޭގޮތުގައި މިހާރު މަސްވެރިންްނަށް ނުދެވި ހުރީ 17 މިލިއަން ރުފިޔާއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިން ކިރާ މަހަށް ގަވާއިދުން ފައިސާ ދެއްކުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންއަތުން މަސް ގަންނަމުންދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ހަމަޖައްސާ އަގެއްއެވެ. މިފްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ.