ޚަބަރު

ލެސްޓާއާ ދެކޮޅަށް އާސެނަލްގެ ރާޔާއަށް ނުކުޅެވިދާނެ


އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް ނުކުޅެވިދާނެ ކަމަށް މީޑިއާ ޚަބަރުތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ރާޔާއަށް އަނިޔާވީ ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ 2-2 އިން އެއްވަރުވި މެޗުގައެވެ. އެ މެޗުގައި ރާޔާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އީއެފްއެލް ކަޕްގައި ބޯލްޓަން ވޮންޑަރާސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ އުމުރުން 16 އަހަރުގެ ޖެކް ޕޯޓާ އެވެ.

ލެސްޓާއާ ދެކޮޅަށް ކުރިއަށް އޮތް މެޗުގައި ރާޔާ އަށް ކުޅެވިދާނެ ތޯ ސުވާލުކުރުމުން އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ ވަނީ، އެ ކަމާ ގުޅޭގޮތުން އެއްޗެއް ބުނަން މިވަގުތު ނޭނގޭ ކަމަށް ބުނެފައެވެ.

ރާޔާ ވަނީ މިދިޔަ އާދީއްތަ ދުވަހު ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ 90 މިނެޓު ފުރިހަމަކޮށްފައެވެ. ނަމަވެސް މެޗަށްފަހު އިއްތިހާދު ސްޓޭޑިއަމުން ދިޔައިރު ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފެނިގެންގޮސްފައިވެއެވެ.

ލެސްޓާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ރާޔާ އަށް ނުކުޅެވޭނަމަ، މި ފަހަރުގެ ސީޒަނަށް ލޯން އެއްބަސްވުމެއްގެ ދަށުން، ބޯންމަތުން ގެނައި ބްރެޒިލްގެ ގޯލްކީޕަރު، ނެޓޯ އަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އާސެނަލް އެންމެ ފަހުން އީއެފްއެލް ކަޕްގައި ބޯލްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ކުޅެވޭގޮތްނުވީ މިފަހަރުގެ ސީޒަނުގައި އެ މުބާރާތުގައި މީގެކުރީން ބޯންމައުތަށް މެޗެއް ކުޅެފައިވާތީއެވެ.

އާސެނަލްގެ ކޯޗު، އާޓޭޓާ ވަނީ، އީއެފްއެލް ކަޕްގައި ރޭ ބޯލްޓަންއާ ދެކޮޅަށް ނިކުތް އެ ޓީމުގެ ފުރަތަމަ އެގާރައިން ގޯލްކީޕަރު، ޕޯޓާ ހިމެނޭގޮތަށް ޒުވާން ފަސް ކުޅުންތެރިންނަށް ވަނީ ފުރުޞަތުދީފައެވެ. އެ މުބާރާތުގެ ހަތަރުވަނަ ބުރުގައި އާސެނަލް ނިކުންނާނީ ޕްރެސްޓަން ނޯތު އެންޑްއާ ދެކޮޅަށެވެ.

އާސެނަލްގެ ކީޕަރު، ރާޔާ އަށް އަނިޔާވުމާއެކު މިވަގުތު އެ ޓީމުގެ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި، ކެޕްޓަން، މާޓިން އޮޑެގާޑް، މިކޭލް މެރީނޯ، އޮލެގްސެންޑާ ޒިންޗެންކޯ، ޓަކެހީރޯ ޓޮމިޔާސޫ އާއި ކިއެރަން ޓިއާނީ ހިމެނެއެވެ.

އާސެނަލުން ލީގުގައި ކުރިއަށް އޮތް މެޗުގައި ލެސްޓާއާ ބައްދަލުކުރުމަށްފަހު އަންނަ ހަފްތާގެ އަންގާރު ދުވަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. އެއަށްފަހު ދެން ޖެހިގެން އޮތް މެޗުގައި ލީގުގައި އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ބައްދަލުކުރާނީ ސައުތެމްޓަނާ އެވެ.