ޚަބަރު

އާސެނަލާއި ލިވަޕޫލަށް ފަސޭހަ މޮޅެއް


އިނގިރޭސި ލީގު ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި އާސެނަލުން ރޭ ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްއިން އެންފީލްޑް ގައި ވެސްޓް ހޭމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު އަމިއްލަ ދަނޑުގައި ބޮލްޓަން އާއި ދެކޮޅަށް އާސެނަލް ކުޅުނު މެޗު އާސެނަލް އިންވެސް ކާމިޔާބުކޮށްފައިވަނީ ހަމަ މި ނަތީޖާ އިންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވެސްޓް ހޭމް އާއި ދެކޮޅަށް ކުޅުނު މެޗުގެ 21 ވަނަ މިނިޓުގައި ލިވަޕޫލްގެ ޖަރެލް ގުއަންސާ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ވެސްޓް ހޭމްއިން ކުރި ހޯދި ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން ޑިއެގޯ ޖޮޓާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ލިވަޕޫލްއިން މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދާފައިވަނީ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޖޮޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 74 ވަނަ މިނިޓުގައި މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ލިވަޕޫލްއިން ޖެހި ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑަކީ މެޗުގެ ފަހު ތިން މިނިޓުގެ ތެރޭގައި ކޯޑީ ގެކްޕޯ ކާމިޔާބުކޮށްދިން ދެ ލަނޑެވެ.

މި މުބާރާތުގައި ބޮލްޓަން އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި އާސެނަލް ކުޅުނު މެޗު 5-1 އިން ކާމިޔާބުކޮށްފައިވާއިރު މި މެޗުގައި އާސެނަލްއަށް ލަނޑުތައް ޖަހައިދީފައިވަނީ ޑެކްލަން ރައިސް އާއި ރަހީމް ސްޓާލިން އާއި ކައި ހަވަޓްޒްގެ އިތުރުން ޒުވާން ކުޅުންތެރިޔާ އީތަން އެންވަނޭރީ އެވެ.

އުމުރުން 17 އަހަރުގެ އެންވަނޭރީ މި މެޗުގައި ދެ ލަނޑު ޖަހާފައިވާއިރު މިއީ އޭނާ އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނި މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުން މޮޅުވެ މުބާރާތުގެ ހަތަރުވަނަ ބުރަށް އާސެނަލް ކޮލިފައި ވެފައިވާއިރު އެ ޓީމު ހަތަރުވަނަ ބުރުގައި ބައްދަލު ކުރާނީ ޕްރެސްޓަން އާއި ދެކޮޅަށެވެ.