ޚަބަރު

ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ސަލާމަތީ މަޖިލީހުގައި؛ ގޮވާލެއްވީ ވީޓޯ އުވާލެއްވުމަށް


  • ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ސަލަމާތީ މަޖިލީހުން ގޮނޑިއެއް ހާއްސަކުރުމަށް ގޮވާލާފައި

  • ސަލާމަތީ މަޖިލިސް އިސްލާހުކުރުމަށް ހުށަހެޅުންތައް ހުށަހެޅުއްވި

އދގެ އެންމެ ބާރުގަދަ ގުނަންކަމަށްވާ، ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ދީފައިވާ ވީޓޯކުރުމުގެ ބާރު އުވާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަމަށް ގޮވާލެއްވީ، އދގެ ސަލާމަތީ މަޖިލީހުގައި މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖެ އދގެ މެމްބަރަކަށްވިތާ 59 އަހަރު ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދގެ ސަލާމަތީ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ ރާއްޖޭގެ ރައީސަކު އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ސަލާމަތީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެ މަޖިލީހަށް ވަޑައިގެންނެވީ ދިވެހީންގެ ފަރާތުން ދޭން ބޭނުންވާ މެސެޖުތަކެއް ސެކިއުރިޓީ ކައުންސިލާއި ހިއްސާކުރެއްވުމަކީ މުހިއްމުކަމެއްކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އދ ފަދަ މަލްޓިލެޓަރަލް ނިޒާމުތަކަށް ދުނިޔެއިން ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް ކުޑަަވަމުންދާކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ބޮޑެތި މައްސަލަތަކާއި ގުޅިގެން ސަލަމާތީ މަޖިލީހުން ހަރުދަނާ މަސައްކަތެއް ނުކުރާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މިތިބީ ލޯކުރިމަތީގައި ބޮޑު ގަތުލްޢާމެއް ހިނގަމުންދާއިރުވެސް ބައިނަލްއަޤްވާމީ ޤާނޫނުތައް ނަގަހައްޓައި، އެކަމަށް ނިމުމެއް ގެންނަން ބޭނުން ނުވާ ސަލާމަތީ މަޖިލީހެއްގައި" ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލްއާއްމާއި ނުހުއްޓޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދަނީ ގަތުލްއާއްމެއްކަމަށް އދގެ ތަޖުރިބާކާރުންނާއި ރެޕަޓުއާއިން ވިދާޅުވެފައިވާކަމަށެވެ. އަދި ފަލަސްތީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެގެން އުޅެނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށްކަމަށާއި، އެ ބިންތަކުން އެމީހުން ފައިބަންޖެހޭކަމަށް އދގެ ދަށުން ހިނގަމުންދާ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ނިންމާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ ނިންމުން ތަންފީޒުކުރުމަށް ސަލާމަތީ މަޖިލީހުން މަސައްކަތްކުރަންޖެހޭއިރު، ދުނިޔެ އޮތީ ސަލަމާތީ މަޖިލީހުން ހަދާ ގޮތެއް ބަލަންކަމަށެވެ.

"މޭމަހު ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ވަނީ ގާޒާ ހަނގުރާމާއާ ގުޅިގެން ބަޔަކު ހައްޔަރުކުރަން އަމުރު ނެރެފައި. ދުނިޔެ ބޭނުންވަނީ ސަލަމާތީ މަޖިލީހުން އެކަންކަމަށް އެއްބާރުލުން ދޭން. އެމަސައްކަތަށް ހުރަސް އަޅާކަށް ނޫން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އުސޫލުތަކާއި ހަމަތަކެއްގެ މަތިން، އިންސާފުން ހިނގާ ތަނެއްގެ ގޮތުގައި ސަލަމާތީ މަޖިލިސް އެކުލަވާލީ އެ މަޖިލީހުގެ މެމްބަރުންކަން ފާހަގަކުރައްވައި، އެ އުސޫލުތަކާއި ހަމަތައް މިއަދު ނެތެމުންދާކަން މިސާލުތަކާއެކު ދައްކަވާފައެވެ. އެގޮތުން ފަލަސްތީނާއި ލުބްނާނުގައި އާއްމުންނާއި ނޫސްވެރިންނާއި ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލްއާއްމާއި ލާއިންސާނީ އަމަލުތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"މިއީތޯ ސަލާމަތީ މަޖިލީހުގެ ބާރުގަދަ މެމްބަރުން ދުނިޔެއަށް ދައްކާ މިސާލަކީ" ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަލާމަތީ މަޖިލީހަށް ކުރާ އިތުބާރު ކުޑަވަމުންދަނީ އެ މަޖިލީހުގައި ހަމަހަމަ ގޮތެއްގައި ޤައުމުތައް ތަމްސީލް ނުވުމުގެ އިތުރުން، ޖަވާބުދާރީކުރުވުމަށް ނުކުޅެދުމުގެ އިތުރުން، ދެ ފުށް ފެންނަ ގޮތަކަށް މަސައްކަތް ނުކުރާތީކަމަށެވެ. އަދި އެކަންކަމަށް ބާރުދެނީ ސަލަމާތީ މަޖިލީހުން އެންމެންގެ ސަަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ ބަދަލުގައި، ވަކި ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އެކަން ބަދަލުކުރަން. އަދި އެ ބަދަލު އަޅުގަނޑުމެން ބޭނުންވަނީ މިހާރު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަލާމަތީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލުތައް ގެނެސް، ކުދި ޖަޒީރާ ޤައުމުތަކަށްވެސް އެ މަޖިލީހުން ގޮނޑިއެއް ހާއްސަކުރަންޖެހޭކަމަށެވެ. އެގޮތުން ދައުރުވާ ގޮތަށް ކުދި ޖަޒީރާ ޤައުމުތަކަށްވެސް ސަލާމަތީ މަޖިލީހުން ދާއިމީ ގޮނޑިއެއް ލިބުމަކީ ތާރީހީ ކަމަކަށް ވެގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައެއް ޤައުމުތަކަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއިލުން ހިންގާ ގަތުލްއާއްމު ހުއްޓުވުމަށް އޮތް ހުރަހެއްކަމަށެވެ. އެހެންކަމުން ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންނަށް ދީފައިވާ ވީޓޯކުރުމުގެ ބާރު އުވާލަން ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.