ޚަބަރު

މެޝިނުން ރީޑްކުރާ ނަންބަރު ޕްލޭޓް ތަޢާރަފްކުރަނީ


  • މިއާއެކު އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަވާނެ

މެޝިނުން ރީޑްކުރާ ނަންބަރު ޕްލޭޓް ތަޢާރަފްކުރަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އުޅަނދު ރަޖިސްޓްރޭޝަން ފަދަ ކަންކަމަށް ހޭދަވާ ވަގުތު ކުޑަކުރުމަށާއި، އުޅަނދުތަކަށް ގެއްލުންދީ ވައްކަންކުރުން މަދުކުރުމަށްކަމަށް އެވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި، ރަޖިސްޓްރީނުކޮށް ނަންބަރު ޕްލޭޓް އަޅުވައިގެން ގިނަ އަދަދެއްގެ އުޅަނދު ދުއްވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިހާރު ބޭނުންކުރަމުންދާ ނަންބަރު ޕްލޭޓް ސިސްޓަމުގެ ސަބަބުން ތަންފީޒީ އިދާރާތަކަށް ޤާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ތަޢާރަފްކުރުމުން، އެހެން ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ޒަމާނީ ފެންވަރުގައި އުޅަނދުތައް މޮނިޓަރކޮށް، ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން ފަސޭހަވެގެންދާނެއެވެ. އަދި މި ނިޒާމުގެ ސަބަބުން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ޓްރެކްކުރެވި، އުޅަނދުގެ ވެރިފަރާތަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެއެވެ.

މެޝިން ރީޑިން ޓެކްނޮލޮޖީން، ކެމެރާ ފަދަ ޑިވައިސްއެއް ބޭނުންކޮށްގެން، އުޅަނދުތަކުގެ ރަޖިސްޓްރޭޝަން ނަމްބަރު ދެނެގަނެ މައުލޫމާތު ހޯދައެވެ.