ޚަބަރު

"ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ކުރުމުގެ މަސައްކަތް އެފްޑީސީއަށް


  • މަޝްރޫޢަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދޭނެ

ޙައްޖު ކޯޕަރޭޝަނުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެފްޑީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.

މި އެއްބަސްވުމުގެ ދަށުން "ނިޢަމް ރެސިޑެންސް" މަޝްރޫޢުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނޭކަމަށް އެފްޑީސީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއި އަދި މޯލްޑިވް ގޭހާއެކުވެސް އެއްބަސްވުމުގެ ދަށުން މިފަދަ ޙިދުމަތްތައް އެފްޑީސީން ދަނީ ފޯރުކޮށްދެމުންނެވެ. އެފްޑީސީއަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު، އެ ކޯޕަރޭޝަނުން ދަނީ އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްޑީސީން ވިދާޅުވީ އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ، މި ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވި، ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެކަމަށެވެ.