ޚަބަރު

ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ ޓެން ހާގް ކަންބޮޑުވުން ފާޅުކޮށްފި


މި ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާފައިވާ ގޮތުން މޮޅު ކުޅުންތެރިންނަށް "އޯވަލޯޑް" ވެފައިވާކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް އެރިކް ޓެންހާގް ބުނެފި އެވެ.

ޔޫރޮޕާ ލީގުގައި އެފްސީ ޓްވެންޓް އާއި ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓެންހާގް ބުނެފައިވަނީ ގިނަ މެޗުތަކެއް ކުޅުންތެރިން ކުޅެން ޖެހިފައިވާ ކަމަށާއި ކުޅުންތެރިން އޯވަލޯޑްވެފައި ތިބެ މެޗުތައް ކުޅެން ޖެހޭ ކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުޓްބޯޅައަށް އަސަރު ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ޓެންހާގް އިތުރަށް ބުނެފައިވަނީ މުބާރާތްތަކަށް ބަދަލު ގެނެސް ގިނަ މެޗުތަކެއް ކުޅޭތީ މާލީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށާއި ނަމަވެސް ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ.

އަދި މި މައްސަލައަށް އެންމެ ކްލަބަކުން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި މިކަމަށް ހައްލެއް ލިބޭނީ ފުޓްބޯޅަ އާއިލާ އެއްކޮށް މަސައްކަތް ކޮށްގެން ކަމަށާއި މިކަމަށް ދާއިމީ އަދި ހަމަހަމަ ގޮތްތަކެއް ނިންމަން ޖެހޭ ކަމަށެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ޓެންހާގް ބުނެފައިވަނީ އޭނާގެ ޒުވާން ދުވަސްވަރުގެ ކްލަބާއި ދެކޮޅަށް ކުޅެން އުނދަގޫ ކަމަށާއި ނަމަވެސް ޔޫރޮޕާ ލީގަކީ އޭނާއަށް މުހިންމު މުބާރާތެއް ކަމަށާއި 32 ޓީމު ވާދަކުރާ މި މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ޓެންހާގް ވަނީ 2001 ވަނަ އަހަރު ޓްވެންޓް އާއިއެކު ޑަޗް ކަޕް ކާމިޔާބުކޮށްފަ އެވެ.